ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދިވެހިރާއްޖެއަށް ވަޑައިގަންނަވާނީ ޖުލައި 25 އިން 26 އަށެވެ. މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ތިންވަނަ ދައުރަށް ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުއާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ދެ ބޭފުޅުން ބައްދަލުކުރައްވާ މަތީފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. މީގެ އިތުރުން ދެ ޤައުމުގެ މުހިންމު މައްސަލަތަކާއި ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާ، އިންޑިއާ އާއި ދިވެހިރާއްޖެއާއި ގުޅިގެން ކުރިއަށްގެންދިޔަ ބައެއް މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއި އެކު ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ވަރުގަދަކުރުމަށް ފަހުމުނާމާތައް ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މި ދަތުރުފުޅު މި ކުރެއްވެނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށްވެސް 60 އަހަރު ފުރޭ މުހިންމު ތާރީޚީ މުނާސަބަތާވެސް ދިމާކޮށެވެ.
މި ލިޔުން ކިޔާލުމުން