އާދިއްތަ, November 15
ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވަނީ މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ.

މިގޮތުން މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް އޮނަރަބަލް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ އާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިވެފައި އޮތްކަން ފާހަގަކުރައްވައި، ޚާއްޞަކޮށް ތިމާވެށި ޙިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން، ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭ.ޕީ.ޕީ.ޖީ)ގެ ބައްދަލުކުރެއްވުމެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

އަދި، އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ އެމް.ޕީ އާ ބައްދަލުކުރައްވައި ރައީސް ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމާއި އަދި ހަރުދަނާކުރުމާ ބެހޭގޮތުންނާއި، މަސްވެރިކަމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި ހޭނުމުގެ މަސައްކަތްތަކުގައާއި، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމުގައާއި، ތަޢުލީމާއި ސްކޮލަރޝިޕްގެ ފުރުޞަތުތައް އިތުރުކޮށްދިނުމުގައި، އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ އާވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ލަންޑަންގައި ބޭއްވި "މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް"ގައިވެސް ބައިވެރިވެވަޑައިގެންފައިވާއިރު، އެމަނިކުފާނު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާ ވެސް ބައްދަލުކުރައްވަިއފައެވެ.

ރައީސް އިނގިރޭސިވިލާތަށް ކުރެއްވި މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ. މި އަހަރަކީ، ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު