Saturday, October 31
ހުޅުލޭގެ ހުޅަނގު ފަރާތު ޕާކިން ޒޯން މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށްޓަކައި، ހުޅުލޭގައި އުޅަނދު ޕާކްކުރާ އުސޫލަށް ވަގުތީ ގޮތުން ބަދަލު ގެނެސްފިއެވެ.

މިގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވަނީ، ބުރާސްފަތި ދުވަހުން ފެށިގެން ހުޅުލޭގެ ހުޅަނގު ފަރާތުގައި އޮންނަ ޕާކިން ޒޯން ވަގުތީގޮތުން ބަންދުކުރަން ނިންމާފައެވެ.

ހުޅުލޭގައި މިވަގުތު އުޅަނދުތައް ޕާކްކުރުމަށް ދެ ޕާކިން ޒޯން ބޭނުންކުރެއެވެ. އެއީ އިރުމަތީފަޅި ނުވަތަ ބްރިޖް ހައިވޭ ދިމާލުން އޮންނަ ޕާކިން ޒޯނާއި، ހުޅަނގު ފަޅީގައި މިވަގުތު އާންމުކޮށް މުވައްޒަފުންނާއި އެއާޕޯޓަށް ދާ އާންމުން ބޭނުން ކުރާ ޕާކިން ޒޯނެވެ. މި ދެ ޕާކިން ޒޯންގެ ތެރެއިން ހުޅަނގު ފަރާތުގައި ހުރި ޕާކިން ޒޯން ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވަނީ، އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު އެ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާތީއެވެ.

މި ބަދަލާއެކު، ބުރާސްފަތި ދުވަހުން ފެށިގެން އިރުމަތީ ޕާކިން ޒޯނުގައި ހަތަރު ފުރޮޅުލީ އެއްވެސް އުޅަނދެއް ޕާކް ކުރުމަކީ މަނާ ކަމެއްކަމަށާއި އޭގެ ބަދަލުގައި އެތަން ބޭނުން ކުރާނީ ސައިކަލު ޕާކް ކުރުމަށް އެކަނިކަމަށް އެމް.އޭ.ސީ.އެލް.އިން ހާމަކުރެއެވެ.

މީގެ އިތުރުން، މި ތާރީހުގެ ކުރިން އިރުމަތީ ޕާކިން ޒޯނުގައި ޕާކުކޮށްފައިވާ ހަތަރުފުރޮޅުލީ އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތަކުން އެ އުޅަނދުތައް ނެގުމަށްވެސް އެމް.އޭ.ސީ.އެލް އިން ވަނީ އެދިފައެވެ.

އަދި ހުޅަނގު ފަރާތު ޕާކިން ޒޯނުގައި އެއްވެސް އެއްގަމު އުޅަނދެއް ޕާކް ކުރުންވަނީ މަނާކޮށްފައެވެ. މި ޕާކިން ޒޯނުތަކުގައި އަލުން އުޅަނދުތައް ޕާކު ކުރެވޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެމް.އޭ.ސީ.އެލް.އިން ބުނެފައިވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް މިހާރު ދަނީ އެ ސަރަހައްދުގެ މަގުތައް ހެދުމާއި ޓާމިނަލް ސަރަހައްދުގެ ލޭންޑްސްކޭޕިން މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު