މާލޭ ވިޔަފާރި ބަނދަރަށް ބާލާފައިވާ މުދަލުގެ ތެރެއިން ކްލިއަރނުކޮށް ގިނަދުވަސްވީ މުދާ ހަފުތާއެއްގެ ތެރޭގައި ކްލިއަރ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފިއެވެ.
އެމްޕީއެލް އިން ކުރި އިޢުލާނެއްގައި ވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރނުކޮށް ގިނަދުވަސްވީ މުދަލުގެ ތަފްޞީލު ލިސްޓު އާންމުކޮށްފައެވެ.
އެމްޕީއެލް އިން ވަނީ، ޖުލައި 16 ވަނަ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި މިމުދާތައް ބަނދަރުން ކްލިއަރ ކުރުމަށް މުދަލުގެ ވެރިފަރާތްތަކަށް އަންގައިފައެވެ. މި މުދަލުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުޢައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް އެތަކެއްޗާއިމެދު ވަކިގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއަރ ކުރުމަށް ނުވަތަ ނައްތާލުމަށް އެ ކުންފުނިން ވަނީ އަންގައިފައެވެ.
އަދި މިމުއްދަތުގެ ތެރޭގައި މުދާ ނުގެންދަވައިފިނަމަ، މިފަދަ މުދަލާއިމެދު ޢަމަލު ކުރުމަށް އެ ކުންފުނީގައި ހަމަޖެހިފައި އޮންނަ ޤަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެ ކަމަށާއި، އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށްފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެ ކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން