Saturday, October 31
ފަންނުވެރިންނަށް އޮގަސްޓް މަހު މާލީ އެހީތެރިކަންދެނީ

ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް،  އޮގަސްޓް މަހުން ފެށިގެން މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ "އަހާ ފޯރަމް" ގެ ހަ ވަނަ ބައްދަލުވުމުގައި އާއްމު މީހަކު ވަނީ މިއުޒީޝަނުންނާއި ޒުވާން އާޓިސްޓުންނަށް އޮތް ފުރުސަތުތަކާއި ގުޅޭގޮތުން ވަޒީރާ ސުވާލުކޮށްފައެވެ.

ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ ފަންނުވެރިންނަށް އަމާޒުކޮށްގެން މައިގަނޑު ދެ މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެއީ ފަންނުވެރިންނަށް ޚާއްޞަ ޕްރޮޑަކްޝަން ހައުސް ޤާއިމުކުރުމުގެ މަސައްކަތާއި، ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާއިރު، އެކަމަށް 25 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށެވެ.

"ފުރަތަމަ ބެޗު އަޅުގަނޑުމެން ފަށާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އުއްމީދަކީ އޮގަސްޓް މަހު އެކަން ފެށުން. އެކަމަށް އުސޫލު އަޅުގަނޑުމެންނަށް ތައްޔާރުކުރެވިއްޖެ. އޭގެ ގާނޫނީ ލަފައާއި އެހެން ކަންކަން އަދި މީގެ އިތުރުން އެ އެހީ ދޭނެ ސީދާ ގޮތްތަކެއް އަޅުގަނޑުމެން މިދަނީ ރާވަމުން. މިދެންނެވި އުސޫލު ތައްޔާރުކުރުމުގަ އަޅުގަނޑުމެން ވާނީ އާޓިސްޓުންގެ އެހީތެރިކަމަށް ގޮވާލާފަ" ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ މިހާރު ކުރަމުންދަނީ މާލީ އެހީތެރިކަމަށް އެދުމަށް ތައްޔާރުކުރަންޖެހޭ ޕޯޓަލް ހެދުމުގެ މަސައްކަތް ކަމަށެވެ. ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، މިހާރުވެސް ފަންނާނުންނަށް ހިލޭ އޮލިމްޕަސް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު