މި އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން ޖުލައި 12 ވަނަ ދުވަހުގެ ނިޔަލަށް، މާލޭގެ 117 މަގެއްގެ 15652 އަށް ވުރެ ގިނަ ކާނު ސާފުކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ބުނީ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި 117 މަގުން މި މުއްދަތުގެ ތެރޭގައި 1359 ޓަނުގެ ކުނި ވަނީ ނަގާފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި، ޑީވޯޓަރ ހޮޅިލައިން އޮތުމުގެ ސަބަބުން، ނުވަ މަގެއްގެ ކާނު އަދި މުޅިން ސާފު ނުވާ ކަމަށް ވެސް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މާލެ ސިޓީ ކައުންސިލުން ކާނު ސާފުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން، މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ މަގުތަކަކީ، ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް، އަމާން، ފަސޭހަ، ރައްކާތެރި މަގުތަކަށް ހެދުމަށް، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގިނަ މަސައްކަތެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މި ކުރާ ބުރަ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ނުހަނު ބޭނުން ކަމަށާއި ކާނުތަކަށް ކުނި ނޭޅުމަށް، ރައްޔިތުންގެ ގާތު އެދޭ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ޢާޒިމް ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކޮށް ނިންމުން ކަމަށެވެ.
މަގުތަކުގައި ފެން ބޮޑު ވުމަކީ ވެސް ކާނުތައް ފުރި ބާރުވުމުގެ ސަބަބުން، ކުރިމަތިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ. އަދި ކުނި އެޅި ކާނުތައް ފުރުމުގެ ސަބަބުން، މާލެއަށް ވިއްސާރަވެ، ވާރޭވެހޭ ކޮންމެ ފަހަރަކު، ފެނާއެކު ކާނުތަކުގައި ހުންނަ ކުއްޏާ ނަޖިސް މަގުތަކަށް ފެތުރެއެވެ.
މި ލިޔުން ކިޔާލުމުން