ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ތިންވަނަ ބެޗު ފަށައިފިއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެ، އެ މަސައްކަތުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން، މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ތިންވަނަ ބެޗު ފަށާފައިވަނީ ޝެރަޓޮން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. ތިންވަނަ ބެޗުގައި ޖުމްލަ 73 ޒުވާނުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ފުރަތަމަ ބެޗުން މާރިޗު މަހުގެ ތެރޭގައި 43 ޒުވާނުން ދަސްވެނިވިއިރު، ދެވަނަ ބެޗުގައި 32 ޒުވާނުން ވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ދަސްވެނިވެފައެވެ.
ޒުވާނުންނާ ބެހޭ ވުޒާރާއިން ބުނީ މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށް ކަމަށެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހުން މަހަށް ދޭ އެލަވަންސާއި، ކެއުމާއި ހުރުން ވެސް ހަމަޖެހިގެންދާއިރު، ޕްރޮގްރާމް ނިމުމުން ދަސްވެނިވާ ފަރާތްތަކަށް އެމް.އެން.އެސް.ޑީ.އޭ އިން ނެޝަނަލް ސެޓްފިކެޓް އެމް.އެން.ކިއު.އެފް ލެވެލް 3 ލިބިގެންދާނެއެވެ.
މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން މިޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ޤައުމީ ސަނަދު ދޫކުރުން މި ޕްރޮގްރާމްގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.
ހަމައެހެންމެ މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެވަޒީފާތައް އަދާކުރުމަށް އިތުބާރާއިއެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އަދި ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ޚަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މިޕްރޮގްރާމްގެ މަގްސަދެކެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިއަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން