Saturday, October 31
ތަރައްޤީގައި ރައީސްގެ ސިޔާސަތަކީ މާނަވީ މިންހަމަ ސިޔާސަތެއް:އާދަމް ނަސީރު

ރާއްޖެ ތަރައްޤީ ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ މިންހަމަ ސިޔާސަތެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަލްމާނު މިސްކިތުގައި އަލަށް ޤާއިމުކުރެވުނު އިސްލާމީ ކުތުބުޚާނާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މާއްދީ ގޮތުން ނުވަތަ އިމާރާތްތަކާ މަސައްކަތުގެ ގޮތުން، އަދި މާނަވި ނުވަތަ ޢިލްމާއި ވިސްނުމުގެ ގޮތުން ތަރައްޤީ ގެނައުމަކީ ރައީސްގެ ޤައުމީ ޚިދުމަތުގެ މައިގަނޑު ފަލްސަފާ ކަމަށެވެ.

އެ ގޮތުން އިސްލާމީ ކުތުބުޚާނަތަކަކީ ސިކުނޑިތައް ބިނާ ކޮށްދޭ އެއް ވަސީލަތެވެ.

ހަމަ އެހެންމެ ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއްކަމަށް ވެފައި އިސްލާމް ދީނަކީ ދެދުނިޔޭގެ ބާއްޖަވެރިކަމުގެ ދީންކަމަށްވާތީ، މި ފަދަ ދީނީ ފޮތުގެ ޚަޒާނާތަކެއް އުފެދުމުން އެ ކަމުން ދިވެހި ޤައުމަށް ކުރާނެ މަންފާގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

އެ ގޮތުން ރައީސްގެ އިސްލާމީ ލައިބްރަރީތަކާ ބެހޭ ވަޢުދު ފުރިހަމަވެގެން އަންނަ އިރު، ދީނީ ފޮތްތައް ފަސޭހަކަމާއެކު ކިޔާލެވޭނެ އެތައް ފުރުސަތެއް ފަހިވެފައި އޮންނާނެކަން ފާހަގަ ކުރެއްވިއެވެ.

އިސްލާމީ ކުތުުބުޚާނާތައް ބިނާ ކުރުމަށް ކުރާ މަސައްތަކަކީ ދިވެހިންގެ މުސްތަޤުބަލު އާ އުދަރެސްތަކަކަށް ބަދަލުކޮށްލާދޭނެކަމެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްތަކަކީ ދިވެހިންގެ ސަޤާފަތު އާ ޙަޟާރަތަކަށް ހޭލާ ހޭލުމެއްކަމަށާއި، ދިވެހިންގެ ދިރިއުޅުން އާ ސަޤާފަތަކަށް އެނބުރިގެންދާނެ މުހިއްމު ކަމެއްކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ދިވެހި ޤައުމަށް މާނަވީ ބިނާކުރުމާއި މާއްދީ ބިނާ ކުރުން ގެނައުންކަމަށާއި މިއީ މިކަމުގައި އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި ކުރާ ކޮންމެ ކަމެއްވެސް އިސްލާމީ ބިނާގެ މަތީގައި ކުރިއަށް ގެންދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުވަނީ ފޮތް ކިޔުމުގެ މުހިއްމުކަމާއި އިސްލާމީ ތާރީޚާއި ފޮތްތަކާއި އަދި އިސްލާމީ ކުތުބުޚާނާތަކާއި ގުޅޭ މުހިއްމު ވާހަކަފުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިރޭ ހުޅުވިގެންދިޔަ އިސްލާމީ ކުތުބުޚާނާއަކީ 15،000 އަށްވުރެ ގިނަ ފޮތާއެކު ހުޅުވިގެންދިޔަ ކުތުބުޚާނާއެކެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ހުޅުވިގެންދިޔަ ކުތުބުޚާނާއެއްކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު