Friday, November 6
ފޮއްދޫ ބަނދަރު ހެދުމުގެ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ނ. ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ފަށައިފިއެވެ. ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 30,648 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3,990 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 145 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 165 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 130 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ވިދާޅުވީ މިމަސައްކަތް ނިމޭއިރު ތަނަވަސް ބަނދަރެއް ލިބި، ރަށަށް އަންނަ ފަތުރުވެރީންނާއި އެ ނޫން މީހުންނަށް އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. ފޮއްދޫ ބަނަދަރު ހެދުމުގެ މަޝްރޫޢަކީ 49.77 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. 504 މީހުންގެ އާބާދީއެއް ދިރިއުޅޭ ފޮއްދޫއަކީ ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެ ރަށުގައި 5 ގެސްޓް ހައުސް މިވަގުތު އަންނަނީ ހިންގަމުންނެވެ. ނަމަވެސ،ް ރަށުގެ ބަނދަރު ހެދިފައި ނެތުމުގެ ސަބަބުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެނޫން ފަރާތްތަކުންވެސް ލަފާފުރުމަށް ބޭނުންކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީއެކެވެ. މިކަމުގެ ދަތިތައް އެފަރާތްތަކުން ދަނީ މެދުނުކެނޑި ތަޙައްމަލު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު