އާދިއްތަ, November 15
މާލޭ ގެއަކުން ވަގަށްނަގާފައިވާ 60,000 އަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި

މާލެ، މައްޗަންގޯޅި ގެއަކުން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ބައެއް ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ ޖޫން 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން، އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ ޖޫން 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކަމަށެވެ.

މިގޮތުން އެ ގެއިން ވަގަށް ނެގި ތަކެތީގެ ތެރެއިން ފުލުހުންގެ މަސައްކަތުން މިހާތަނަށް ހޯދިފައިވާ ތަކެތީގެ ތެރޭގައި، އައިފޯނު، ލެޕްޓޮޕް، އެކި ބްރޭންޑުތަކުގެ އަވިއައިނު، ޕްރިންޓަރު،، އެކި ބްރޭންޑުތަކުގެ ހާޑު އަދި ސްޕީކަރުގެ އިތުރުން އަތުކުރީ ގަޑިއާއި އެހެނިހެން ތަކެތި ހިމެނެއެވެ. މި ތަކެތީގެ އަގު 60000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ ގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމުލަ އަގު 72000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވެސް ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށާއި، މި މައްސަލާގައި، މިހާތަނަށް ނުފެނިވާ ތަކެތި ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާއިރު، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު