އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމުން މުޙައްމަދު އާސިފް ވަކިކުރި ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
އީސީގެ ނައިބު ރައީސް ޢަލީ ނަޝާތާއެކު އާސިފް، އެ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމީ މިދިޔަ ނޮވެންބަރު މަހުގެ 25 ގައެވެ. މިގޮތުން އާސިފް ވަކިކޮށްފައިވަނީ މަޖިލީހުގެ 68 މެންބަރުންގެ ވޯޓުންނެވެ.
އޭނާ މެންބަރުކަމުން ވަކިކޮށްފައިވަނީ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ޤާނޫނާ ޚިލާފު ގިނަ ކަންތައްތަކެއް ކުރިކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ. އޭގެތެރޭގައި އީސީގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައި އެއިން އެޕްލިކޭޝަން ހަދައިގެން ވިއްކައި އަދި އާންމު ރައްޔިތުންގެ މައުލޫމާތު ވިއްކުންފަދަ ބޮޑެތި ތުހުމަތުތަކެއް ހިމެނެއެވެ.
އާސިފް ވަނީ މި މައްސަލަ ބަލައިދިނުމަށް އެދި ސިވިލް ކޯތަށް ހުށަހަޅައިފައެވެ. ނަމަވެސް، މި މައްސަލައިގައި ސިވިލް ކޯޓުން ބުނީ ޤާނޫނުއަސާސީގެ 177 ވަނަ މާއްދާގައި ބުނާފަދަ ހާލަތެއް އީސީގެ މެންބަރަކަށް މެދުވެރިވެއްޖެ ކަމަށް މަޖިލީހުގެ ކޮމިޓީއަކަށް ފެންނަނަމަ، އެ މެންބަރަކު ވަކިކުރުމުގެ ބާރު މަޖިލީހަށް އޮންނާނެ ކަމަށެވެ.
މި ހާލަތުގައި ކޯޓުން އެ މައްސަލަ ބެލުމަކީ ޤާނޫނުއަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މަޖިލީހުން ނިންމާފައިވާ ނިންމުމަކަށް ޤާނޫނުއަސާސީއާ ޚިލާފަށް ޗެލެންޖު ކުރުމުގެ ފުރުޞަތު ދިނުން ކަމަށްވާތީ އެ މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
މި ލިޔުން ކިޔާލުމުން