ދެ ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމުގެ މަސައްކަތާއި، ހަ ރަށެއްގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
މިގޮތުން ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެދުމުގެ މަތިން ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުށީގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށާއި، ލ. މާވަށް، މ. މުލި، ރ. މަޑުއްވަރި، ށ. ފީވައް، ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫގައި ފުލުހުންގެ މަރުކަޒު އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މި ބީލަން ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓު އެންޑް ޓްރޭޑްގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާ އެއްގޮތަށް ކަމަށެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023) އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 3ޖުލައި 2025 އިން 22 ޖުލައި 2025 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ބަނޑޭރި ޕޭ މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިޕްރޮޖެކްޓު ތަކުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00:00ގެ ކުރިންނެވެ. އަދި މިޕްރޮޖެކްޓު ތަކުގެ ބިޑު ހުޅުވުން އޮންނާނީ 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 10:00:00 ގައެވެ.
ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން ތިން ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރަންވާނެ ކަމަށެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން