ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކަށް، ވަކީން ޚާއްޞަކޮށް ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ޤައުމުތަކަށް، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނިކަމުގައި ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގެ ހަވާސާގައި ކުރިއަށްދިޔަ "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް" އިވެންޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިގޮތުން ނައިބު ރައީސްގެ ވާހަކަފުޅުގައި، މިހާރު ކުރިމަތިލާންޖެހިފައިވާ ދަރަނީގެ މައްސަލަތައް ދިމާވަނީ ހިންގުމުގެ ފެންވަރު ދަށްވެގެން ނޫން ކަމަށާ، އެއީ، ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި ހުރި އަސާސީ މައްސަލަތަކުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމުގައި ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ ސިޑްސްއަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ މުހިންމު، މާލީ އިޞްލާޙުތަކަކަށް ވަކާލާތުކުރައްވާފައެވެ. އަދި ތަރައްޤީއަށް ވުނަކުރުމަށް މަގުފަހިކުރުމަށްޓަކައި "ފިސްކަލް ސްޕޭސް"އެއް ތަރައްޤީކޮށް، ކޮންސެޝަނަލް ލޯނު ނުވަތަ އާންމު ލޯނުތަކަށް ވުރެ ފުރިހަމަ އުސޫލުތަކެއްގެ ދަށުން ދޫކުރެވޭ ލޯނުހޯދުމާއި، މި ޤައުމުތަކަށް ދަރަނީގެ ދެމެހެއްޓެނިވި އަދި މެނޭޖްކުރެވޭނެ ޕޯޓްފޯލިއޯއެއް އުފެއްދުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ މާލީ މާހައުލުގައި ސިޑްސްގެ ޤައުމުތަކަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
ސިޑްސް ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސްއަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަޤީންކަން، ނައިބު ރައީސް ވަނީ ދެއްވާފައެވެ. ސިޑްސް އަށް ޚާއްޞަކުރެވިގެން ޙައްލުތަކެއް ހޯދައި، ދޭސީ އީޖާދީ އުފެއްދުންތެރިކަން ކުރިއަރާ ދިއުމަށް ފުރުޞަތު ފަހިވާނެކަން ފާހަގަކުރައްވައި، މިފަދަ ޚިދުމަތެއްގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބާރުއަޅުއްވާފައެވެ.
މި އިވެންޓުގައި، އެކިއެކި ޤައުމުތަކުގެ އިސްވެރިންނާއި އޮފިޝަލުންގެ އިތުރުން އެކުވެރި އ.ދގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކުގެ އިސް މަންދޫބުންވެސް ބައިވެރިވެވަޑައިގަތެވެ.
ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގަތުމަށް ނައިބު ރައީސް މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.
މި ލިޔުން ކިޔާލުމުން