ތ. ވިލުފުށީ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި އެ ބޯޓުގެ ވެރިމީހާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ވިލުފުށީ ކައުންސިލްގެ ރައީސް، ޙަސަން ޖަބީނާ ހަވާލާދީ "މިހާރު" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން މި ހާދިސާގައި ބޯޓުގައި އިން ބިދޭސީ މީހާއަށް އެހާ ބޮޑުވަރު ނުވި ނަމަވެސް، ބޯޓުގެ ވެރިމީހާ އޮތީ ވަރަށް ބޮޑަށް ފިހިފައެވެ. އެހެންކަމުން ޞިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އޭނާ އިއްޔެ ވަނީ މާލެ ފޮނުވައިފައެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ވިލުފުށީ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ ހެނދުނު 9:41 ގައި ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ހިމެނޭ ބޯޓުގެ ވެރިމީހާގެ ތެޔޮބޯޓެއްގައި މީގެ ދެ އަހަރު ކުރިންވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މި ލިޔުން ކިޔާލުމުން