މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، 1 ޖުލައި 2025 އިން ފެށިގެން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭތު %17 އަށް ބޮޑުވެއްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ޖުލައި 1 ނުވަތަ އެ ތާރީޚުގެ ފަހުން ޖީއެސްޓީ ލާޒިމުވާ ވަގުތު އަންނަ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ މުޢާމަލާތްތަކުން ޖީއެސްޓީ ނަގަންވާނީ އައު ރޭޓުގައި ކަމަށެވެ.
ވީމާ، ޖުލައި 1 އިން ފެށިގެން އައު ރޭޓުގައި ޖީއެސްޓީ ނެގުމަށްޓަކައި ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށްގެންދިއުމަށް މީރާ އިން ވަނީ އަންގައިފައެވެ.
މީގެ އިތުރުން މީރާ އިން ބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ، ޖުލައި 1 ގެ 00:00 ގެ ކުރިން ފޯރުވައިދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނަގަންވާނީ %16 ގެ ރޭޓުން ކަމަށާއި، ޖުލައި 1 ގެ 00:00 ގައި ނުވަތަ އޭގެ ފަހުން ފޯރުވައިދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޖީޢެސްޓީ ނަގަންވާނީ %17 ގެ ރޭޓުން ކަމަށެވެ.
"ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއަށް ރަޖިސްޓްޜީކޮށްފައިވާ އެނޫން ފަރާތްތަކުން އައު ރޭޓުގައި ޖީއެސްޓީ ނަގަން ފަށާނީ 1 ޖުލައި 2025 ގައި އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެން"، މީރާ އިން ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވީ 5 ނޮވެންބަރު 2024 ގައެވެ.
މި ލިޔުން ކިޔާލުމުން