ހަންކެޑެ ހަލާލް ޓުއަރިޒަމަށް ހާއްސަކުރުމަކީ އެ ޕްރޮޖެކްޓްގެ ސްކޯޕް ކުޑަކުރުން ކަމަށާއި ޖުމުލަކޮށް މުޅި އައްޑޫ ފަތުރުވެރިކަމުގެ ސްކޯޕް ކުޑަވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން (އައްދު) ވިދާޅުވެއްޖެއެވެ.
އައްދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އައްޑޫއަކީ ރިސޯޓް ތަރައްގީކުރަން އެހެން އަތޮޅުތައް ގޮތަށް ބައިވަރު ރަށްތަކެއް ހުރިތަނެއްނޫން ކަމަށާއި ، ހަލާލްޓުއަރިޒަމް އަކީ އޭގެ މާކެޓް ކުޑަ އަދި ރާއްޖޭގައި ތަޖުރިބާ ކުރެވެމުންދާ އެސްޓޭބްލިޝްޑް ޕްރޮޑަކްޓެއްވެސް ނޫން ކަމަށެވެ. އަދި މިހާރުވެސް ޓުއަރިސްޓުން ގެންނަން ދަތި އައްޑޫއަށް ހަމަ އެކަނި ކުޑަމާކެޓަކުން ގެސްޓުން އަންނާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.
އައްޑޫ ހަންކެޑެ ހަލާލް ޓުއަރިޒަމަށް ހާއްސަކުރުމަކީ ހަންކެޑެގެ ސްކޯޕް ކުޑަކުރުން، ޖުމްލަކޮށް އައްޑޫގެ ފަތުރުވެރިކަމުގެ ސްކޯޕް ކުޑަވުން. އައްޑޫއަކީ ރިސޯޓް ތަރައްގީކުރަން އެހެން އަތޮޅުތަކެކޭ އެއްގޮތަށް ބައިވަރު ރަށްތަކެއް ހުރިތަނެއްނޫން، ހަލާލްޓުއަރިޒަމް އެއީ އޭގެ މާކެޓް ކުޑަ…
— Abdul Rahman (@MpAhdhu) June 30, 2025
މީގެ އިތުރުން ސަރުކާރުން ބޮޑުހަރަދު ކޮށްގެން ހަންކެޑެ ބޭރުން މަގެއް ހަދާ ގުޅިފައިވާ ރަށްތަކުން ހަންކެޑެ ވަކި ކުރުމުގެ ބޭނުމެއްވެސް މިހާރު ނެތީ ތޯ އައްދު ވަނީ ސުވާލު އުފައްދާފައެވެ.
ހަންކެޑެ ފަތުރުވެރި ކަމުގެ ބޭނުމަށް ތަރައްގީކުރަން އެންމެ ފުރަތަމަ ސަރުކާރުން ހުޅުވާލީ، މީގެ 20 އަހަރު ކުރިން 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން އެކި ސަރުކާރުތަކުން މި މަޝްރޫއު ހިންގަން އިއުލާން ކުރިނަމަވެސް މިހައިތަނަށް އެތަން ތަރައްގީ ކުރެވިފައިނުވެއެވެ.
މިދިޔަ ސަރުކާރުގެ ދުވަސްވަރު މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަނީ ހެންކެޑެ ތަރައްގީކުރަން ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭރުވަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު ގެ ލޯނެއް ނަގައިގެން 2،082 އެނދު ހިމެނޭ ގޮތަށް 1،041 ކޮޓަރި ތަރައްގީ ކުރުމަށް ނިންމާފައެވެ. އަދި މިގޮތަށް ހަންކެޑެ ތަރައްގީ ކުރުމަށް 18 މިލިއަން ޑޮލަރު ހޭދަކޮށްގެން އައްޑޫ ލިންކްރޯޑުވެސް ވަކިކޮށް އިތުރު މަގެއްވެސް ވަނީ ހަދާފައެވެ. އޭރު ސަރުކާރުން ބުނެފައިވަނީ މަގު ހެދުމުގެ މައިގަނޑު ބޭނުމަކީވެސް ހަންކެޑެ ތަރައްގީ ކުރުމެވެ.
އައްދު އެކްސްގައި ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ ހަންކެޑެ ޕްރޮޖެކްޓަށް ގެނައި ބަދަލަށް ތާއިދު ނުކުރާކަމަށެވެ.
މި ލިޔުން ކިޔާލުމުން