އައްޑޫ ހަންކެޑެ ޙަލާލު ފަތުރުވެރިކަމަށް ތަރައްޤީކުރަން ސަރުކާރުން ނިންމެވި ނިންމެވުމާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު، އަޙްމަދު އަޒާން މަރުޒޫޤްވެސް ނުރުހުން ފާޅުކޮށްފިއެވެ.
މިގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ އައްޑޫގެ ގިނަ ރައްޔިތުންނެކޭ އެއްގޮތަށް، ހަންކެޑެ މަޝްރޫއު ހުއްޓާލައި އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްޤީކުރަން ނިންމި ނިންމުމާ އޭނާވެސް ދެކޮޅު ކަމަށެވެ.
"ހަންކެޑެ މަޝްރޫއު އަކީ ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްޤީކުރަން ނިންމާފަވާ މަޝްރޫއެއް. މި ސަރުކާރު ވެރިކަމަށް އައިއިރު ލޯނު އެއްބަސްވުމުގަ ސޮއިކޮށްފައި ނުވިނަމަވެސް، ލޯނުގެ ކަންކަން އޮތީ ވަރަށް އެޑްވާންސްޑް ސްޓޭޖެއްގައި. އަދި ކޮންޓްރެކްޓަރަށް ދައްކަންޖެހޭ އެޑްވާންސް ފައިސާއިން ބައެއް ވެސް އޭރު ވަނީ ދައްކާފަ"، އަޒާން ވިދާޅުވިއެވެ.
މީގެ އިތުރުން އަޒާން ވިދާޅުވީ މި ސަރުކާރުން ނިންމީ ކުރީސަރުކާރުން ފަށާފައި އޮތް ހަންކެނޑެ މަޝްރޫއު ކުރިއަށް ގެންދަން ކަމަށާއި، 2024 ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު 'މަޝްރޫޢު އިފްތިތާޙުކުރުމަށް' ބޮޑު ރަސްމިއްޔާތެއް ބޭއްވި ކަމަށާއި، އޭގެ ފަހުން ކުއްލިއަކަށް މިހާރު އެ މަޝްރޫއު ކެންސަލްކޮށް އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްޤީކުރަން ސަރުކާރުން އިޢުލާން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަޒާން އިތުރަށް ވިދާޅުވީ ހަންކެނޑެ މަޝްރޫއަށް ބޭނުންވާ ލޯނުގެ ކަންކަން މަޑުޖެހިފައިވަނީ ދިވެހި ސަރުކާރުން, ޗައިނާގެ އެކި ބޭންކުތަކަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްދިނުމަށް އެދުމާ ގުޅިގެން ކަމަށާއި، އެ އިޖުރާއަތުތައް ހިނގަމުން ދަނިކޮށް އާލޯނެއް ދިނުން ޗައިނާގެ ޤާނޫނުތަކާއި ގަވާއިދުތައް ތަން ނުދޭ ކަމަށެވެ.
"އަޅުގަނޑުގެ ނަޒަރުގައި ހަންކެނޑެ މަޝްރޫޢުގެ ލޯނުގެ ކަންކަން ހަމަނުޖެހުނީ އެ ލޯނުގެ ކަންތައް ނުނިމެނީސް، ދަރަނި ފަސްކޮށްދޭން ޗައިނާ ސަރުކާރުގައި އެދުމުން. ދެއިރު ދެދަޅައަށް އާ ނަމެއް ކިޔާފަ މަޝްރޫއެއް އިއުލާން ކުރިއަސް، އައްޑޫއަށް އިންވެސްޓު ކުރާނެ ބަޔަކު ހޯދުމަކީ ފަސޭހަކަމެއް ނޫން. އައްޑޫ އަކީ ފަތުރުވެރިކަން އެހާ ބޮޑަށް ކުރިއަރާފައިވާ ސަރަހައްދަކަށް ނުވާތީ، އަބަދުވެސް އައްޑޫއަށް މި ގޮންޖެހުން ކުރިމަތިވޭ. އައްޑޫގަ ހުރި ބައެއް ރަށްތައް ޑިސްކައުންޓު ރޭޓުތަކުގައި އިއުލާން ކުރުމުންވެސް އިންވެސްޓު ކުރާނެ ބަޔަކު ނުވޭ"، އަޒާން ވިދާޅުވެފައިވެއެވެ.
ސަރުކާރާއި، އައްޑޫގެ ވިޔަފާރިވެރިންނާއި ކައުންސިލް ހިމެނޭ ގޮތަށް ހަންކެނޑެ މަޝްރޫޢު ހިމަނައިގެން އައްޑޫ މާކެޓް ކުރުމަށް އެތައް މަސައްކަތެއް ކުރެވި އަދި ކުރެވެމުން ދަނިކޮށް، އަދި ކޮންޓްރެކްޓަރަކާ ހަވާލުކުރެވި, ރާއްޖޭގެ ތަރައްޤީގެ ބޮޑު ބައިވެރިއެއް ކަމަށްވާ ޗައިނާގެ ބޭންކަކުން ލޯނެއް ނަގަން ތައްޔާރުވެފައި އޮތް މަޝްރޫއެއް، ކަމާ ގުޅޭ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް، ކުއްލިއަކަށް ހުއްޓާލުމަށް ނިންމުމަކީ ބޭންކުތަކާއި އިންވެސްޓަރުންގެ އިތުބާރުވެސް ގެއްލޭނެ ކަމެއް ކަމަށް ވިދާޅުވެ އަޒާން ވަނީ ޙަލާލު ފަތުރުވެރިކަމަށް ހަންކެޑެ ތަރައްޤީކުރަން ނިންމި ނިންމުން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.
މި ލިޔުން ކިޔާލުމުން