އައްޑޫ ހަންކެޑެ ޙަލާލު ފަތުރުވެރިކަމަށް ތަރައްޤީކުރަން ތާއީދު ނުކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ވިދާޅުވެއްޖެއެވެ.
މެންބަރު ނިޒާރު މިހެން ވިދާޅުވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ހަންކެޑެ ޙަލާލު ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ތާއީދު ނުކުރައްވާ ކަމަށާއި، އެކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައިވާނެ ކަމަށެވެ.
އައްޑޫ ސިޓީގެ ހަންކެޑެ "ޙަލާލު ޓޫރިޒަމް" ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާކަން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވަނީ އިއްޔެ ހާމަކޮށްފައެވެ.
އެކަން އެގޮތަށް ކަނޑައެޅީ ފަތުރުވެރިކަން ތަރައްޤީވެފައިނުވާ އަތޮޅު ތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
މި ނިންމެވުމާއި ގުޅިގެން މި މަޝްރޫޢު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއވެ.
ޙަލާލު ފަތުރުވެރިކަމަކީ ޚާއްޞަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހުމާނުންނަށްވެސް މެހުމާންދާރީ އަދާކުރެވޭގޮތަށް، ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ. މި ކޮންސެޕްޓް ތަންފީޒުކުރެވިގެން ދާނީ ރިސޯޓު ތަރައްގީކުރެވޭ މަރުހަލާގެ ތެރެއިންނާއި އަދި ރިޒޯޓް އޮޕަރޭޝަންސްގެ މަރުހަލާގައި ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
އައްޑޫ ސިޓީގެ ހަންކެޑެ ގައި ތަރައްޤީ ކުރެވިގެންދާ "ޙަލާލު ޓޫރިޒަމް" ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގު ފަހިވެގެން ދާނެ ކަމަށާއި، މި ފަދައިން ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިޞާދީ ދުވެލި ހަލުވިވެގެންދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
މި ލިޔުން ކިޔާލުމުން