ގއ. ވިލިނގިލިން ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަންބަރު ރސ5268، މުޙައްމަދު ޠާހާ (36އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށެވެ.
މިގޮތުން މި ޖޫން މަހުގެ 26 ވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށްފައިވަނީ ވިލިނގިލީ ބަނދަރު ސަރަހައްދުން ކަމަށާއި، އޭނާ ހައްޔަރުކޮށް، ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ކޯޓު އަމުރެއްގެ ދަށުން އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުކޮޅުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 20 ގުރާމެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން