އޯކިޑް ބިލްޑިންގގައި ހުންނަ، މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖޫން 26 ވަނަ ދުވަހު ކަމަށެވެވެ. މިގޮތުން މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ވިއްކަން މާރުކޭޓު ސަރަހައްދުގައި މީހަކު އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެ ތަކެއްޗަކީ އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ / ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (36އ) އެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި، އިންޖީނު ސްޕެއާޕާޓްސްއާއި އިލެކްޓްރޯނިކް ތަކެއްޗާއި އެހެނިހެން ތަކެތި ހިމެނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން