ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ޤާއިމްކުރަން ދިވެހި ސަރުކާރުން މަސައްކަތް ކުރާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ކޮމާޝަލްޑިއުޓީފްރީޒޯނެއްޤާއިމް ކުރަންދިވެހިސަރުކާރުން މަސައްކަތްކުރާވާހަކައަކީ ރަނގަޅުވާހަކައެއްނޫން. އެއީމިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާކުރެވިފައިވާކަމެއްވެސްނޫން.
— Mohamed Saeed (@em_saeed) June 27, 2025
މިގޮތުން ވަޒީރު ވިދާޅުވީ އެއީ މިހާތަނަށް ޚިޔާލުކުރެވި ނުވަތަ މަޝްވަރާ ކުރެވިފައިވާ ކަމެއްވެސް ނޫން ކަމަށެވެ.
ސަޢީދު މިހެން ވިދާޅުވިއިރު، ސްރީލަންކާގެ ރައީސް ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އެ ޤައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިގޮތުން ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވަޑައިގަންނަވާނެ ކަމަށް ލަފާކުރެވެނީ އަންނަ ޖުލައި މަހުގެ ފަހު ހަފުތާގައެވެ. ނޫސްތަކުގައި ބުނެފައިވާ ގޮތުން ލަންކާގެ ރައީސް ރާއްޖެ ވަޑައިގަންނަވާނީ ޖުލައި 29 ގައި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.
ސްރީލަންކާގެ ޚާރިޖީ ވުޒާރާގެ މަސްދަރުތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގޮތުންނާއި، ސަރައްދީ އެއްބާރުލުން ދިނުމުގެ އިތުރުން އިޤުތިޞާދީ ގުޅުންތައް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
މި ލިޔުން ކިޔާލުމުން