ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖޫން 25 ވަނަ ދުވަހު އެ ރަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އާރުޓީއެލް ފެރީގައި ކޮލަމާފުއްޓަށް އައި އެ ރަށު ދޮންވެލި، ޝިފާޢުﷲ ސަޢީދު (44) ކަމަށެވެ.
މިގޮތުން ޝިފާޢުﷲ ސަޢީދު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި އޮޕަރޭޝަންގައި ޝިފާޢުﷲ ސަޢީދު ހުއްޓުވަން އުޅުމުން، މަޑުނުކޮށް ސައިކަލަށް އަރައިގެން ދާން އުޅުމުގެ ތެރޭގައި ވެއްޓި، ކަނާއަތު ކަކުލާއި އުޅަނބޮށި މަށައިގެންގޮސް އަނިޔާވެފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޝިފާޢުﷲ ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 11 ދުވަސް ޖަހާފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން