އާދިއްތަ, November 8
އިސްލާމީ އުންމަތަށް މިއީ، މުސްލިމުންގެ އެއްބައިވަންތަކަމަށް ދުޢާކުރުން އިތުރު ކުރަން ޖެހިފައިވާ ވަގުތެއް: ރައީސް

އިސްލާމީ އުންމަތަށް މިއީ، ކެތްތެރިކަމާއެކު ﷲގެ ޙަޟްރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމަށް ދުޢާކުރުން އިތުރު ކުރަން ޖެހިފައިވާ ވަގުތެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 1447 ވަނަ އަހަރުގެ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ.

އެމަނިކުފާނުގެ ހިތޯބުގައި ވަނީ  ހިޖުރީ އައު އަހަރެއް ފެށިގެން ދިޔަ މިދަނޑިވަޅަކީ، ކެތްތެރިކަމާއެކު ﷲގެ ޙަޟްރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުޢާކުރުން އިތުރު ކުރުމަށް އިސްލާމީ އުންމަތަށް ޖެހިފައިވާ ވަގުތެއްކަން ފާހަގަކުރެއްވިއެވެ.

އެގޮތުން، ހަނގުރާމައިގެ ނުތަނަވަސް ޙާލަތެއް މެދުއިރުމަތީގެ އިސްލާމީ ބައެއް ޤައުމުތައް ދާދިފަހުން ތަޙައްމަލު ކުރި އިރު، ދިވެހިރައްޔިތުންގެ އިޚްލާޞްތެރި ދުޢާތައް ވަނީ މުސްލިމް އަޚުންނާއި އުޚްތުންނާ އެކުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފަލަޞްޠީނުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތަށް އެދިވަޑައިގެން، އެ ސަރަޙައްދުގެ މުސްލިމް ހުރިހާ ވަޠަނަކަށްމެ، ސިލްމާއި ރައްކައުތެރިކަން މިންވަރުކޮށްދެއްވުން އަދައި ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވިކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަ ކުރެއްވިއެވެ.

1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބު ނިންމަވާލައްވާފައި ވަނީ، ދުޝްމިނުންގެ ކެހިވެރި ރޭވުންތަކުން އިސްލާމީ އުންމަތް ޙިމާޔަތް ކޮށްދެއްވައި، މުސްލިމުންނަށް ނަޞްރާއި ނަސީބު މާތްﷲގެ ޙަޟްރަތުން ދެއްވުމަށާއި، ދިވެހި މި ލޮބުވެތި ވަޠަން ކީރިތިކަމާއި މޫރިތިކަމުގައި، އިސްލާމީ ހިދާޔަތާއި މިނިވަންކަމާއި ތިޔާގިކަމުގައި އަބަދުމެ ލެއްވެވުން އެދި ދުޢާ ދަންނަވަމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު