Thursday, November 5
އިސްރާއީލުން ހަނގުރާމަ ހުއްޓާލީ ބަނގުރޫޓުވާން ކައިރިވުމުން ؛ ރިޕޯޓް

ބާރަ ދުވަހަށް ދެމިގެންދިޔަ އީރާނުގެ މިސައިލް ހަމަލާތައް ދުވަހުން ދުވަހަށް ވަރުގަދަވެ ، އިސްރާއީލަށް ލިބެމުންދާ ގެއްލުންތައް ބޮޑުވުމުން އިސްރާއީލުން މިވަނީ އެންމެފަހުން ހަނގުރާމަ ހުއްޓާލާފައެވެ.

މިހާރު ހަނގުރާމަ ހުއްޓިފައިވާއިރު ، އީރާނުން އިސްރާއީލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކުން ދިފާއުވުމަށް އެގައުމުގެ އަސްކަރިއްޔާއަށް ވަރަށް ބޮޑު ހޭދައެއް އޮތީ ކުރަންޖެހިފައެވެ. މިއީ މި ދަނޑިވަޅުގައި އިސްރާއީލަށް ކުރެވޭނެ ކަމެއް ނޫންކަން މަސްރަހް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.އެހެންކަމުން ހަނގުރާމަ ހުއްޓާލުމުގެ މައިގަނޑު އެއް ސަބަބަކީ މިކަަމަށް ހިނގާ ހަރަދު ބޮޑުވުން ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ.

އީރާނަށް ހަމަލާ ދޭން ފެށުމުން ހިންގަންޖެހުނު އަސްކަރީ ހަރަކާތަކީ މިހާތަނަށް އިސްރާއީލުގެ ތާރީހުގައި ވެސް ހިންގި އެންމެ އަގުބޮޑު އަސްކަރީ ހަރަކާތެވެ. އެނގިފައިވާގޮތުން މިހަރަކާތުގައި ދުވާލެއްގެ މައްޗަށް އިސްރާއީލުގެ އަސްކަރިއްޔާއަށް 725 މިލިއަން ޑޮލަރު ހޭދަކުރަން ޖެހެއެއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހޭދަކުރަންޖެހެނީ ވައިގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޖެޓް ފިއުލް އާއި ހަތިޔާރަށެވެ.

މީގެއިތުރުން އިސްރާއީލުގެ އެއާ ޑިފެންސް ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭ އަޔަން ޑޯމް، ޑޭވިޑްސް ސްލިންގް، އަދި އެރޯ ފަދަ ނިޒާމުތަކަކީ ވަރަށް ބޮޑު ހޭދައެއް ކޮށްގެން ހިންގޭ ނިޒާމުތަކެކެވެ. ފާއިތުވި ދުވަސްތަކުގައި އީރާނުން ފޮނުވާލި 400 އަށް ވުރެ ގިނަ މިސައިލް ހުއްޓުވުމުގައި އިސްރާއީލުން ބަރޯސާވީ މި ނިޒާމުތަކަށެވެ. ދިފާއުވުމަށް އެށީގެންވާ ނަތިޖާއެއް ނެރެވިފައި ނުވާއިރު، އެރޯ އިން ފޮނުވާ މިސައިލެއްގެ އަގު ތިން މިލިއަން ޑޮލަރަށް އަރައެވެ. އަދި ޑޭވިޑްސް ސްލިންގް އަގު 700،000 ޑޮލަރަށް އަރަ އެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުން ހީވެސްނުކުރާހާ ގިނައިން އީރާނުން މިސައިލް ފޮނުވުމުން އިސްރާއީލުގެ މިސައިލް އިންޓަސެޕްޓަރު ސްޓޮކް ވަނީ ވަރަށްބޮޑަށް ދަށްވެފައެވެ. އަދި ހަނގުރާމަ އިތުރަށް ދެމިގެންދާނަމަ ސްޓޮކް ހުސްވުމުގެ ބިރު އެބައޮތެވެ. މިތަކެތި ހޯދުމަށް އިސްރާއީލުން ބަރޯސާވާންޖެހޭނީ އެމެރިކާއަށެވެ. އީރާނަށް ހަމަލާދޭން ފެށިއިރު މިފަދަ ބޮޑު ހޭދައެއް މިގޮތަށް ކުރަންޖެހިދާނެކަމަށް އިސްރާއީލުން ކުރިން ހީކޮށްފައި ނުވެއެވެ.

ހަނގުރާމައިގެ ހަރަދުތައް ބޮޑުކަމުން އިސްރާއީލުގެ ދިފާއީ ހަރަދު އެގައުމުގެ ތާރީހުގައި ނާރާވަރަށް ވަނީ އަރާފައެވެ. މިގޮތުން 2025 ވަނަ އަހަރުގެ ދިފާއީ ބަޖެޓް އެތައް ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިހާރުވެސް ދިފާއީ ހަރަދުތައް ހުރީ އިސްރާއީލުގެ ޖީޑީޕީގެ ހަތެއް އިންސައްތައިގައެވެ.

މިކަމުގެ ސަބަބުން އިސްރާއީލަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުން މިހާރުވެސް ދަނީ ކުރިމަތިވަމުންނެވެ. އިސްރާއީލުގެ ފިނޭންސް މިނިސްޓްރީން 2025 ވަނަ އަހަރުގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު %4.3 އިން %3.6 އަށް މިހާރުވަނީ ދަށްކޮށްފައެވެ.

އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކުގެ ސަބަބުން އިންފްރާސްޓްރަކްޗަރަށް ލިބޭ ގެއްލުން އެތައް ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން 5،000 އަށް ވުރެ ގިނަ އާންމުންނަށް ހިޔާވަހިކަން ސަރުކާރަށް ދޭންވަނީ ޖެހިފައެވެ.

އިސްރާއީލަށް އީރާނާ ދެކޮޅަށް ދިގުދެމިންގެންދާ ހަނގުރާމައެއް ކުރިމުގެ ގާބިލްކަން އަސްކަރީގޮތުންނާއި މާލީގޮތުންވެސް ލިބިފައި ނުވާކަން މި ހަނގުރާމައިން ވަނީ ހާމަވެގެން ގޮސްފައެވެ. ނަމަވެސް އީރާނުން ދިޔައީ އެގައުމުގެ އެންމެ ޒަމާނީ ހަތިޔާރުޔައް ބޭނުންކޮށްގެން އިސްރާއީލް ސިއްސުވާލަމުންްނެވެ. އިސްރާއީލުގެ ޔަހޫދީ އާބާދީތަކަށް އީރާނުގެ ގަދަފަދަ ހަމަލާތަކުގެ ސަބަބުން ރައްކާތެރިކަން ނެތްކަން އެނގިގެން ވަނީ އެހެން ގައުމުތަކަށް ފިލަންފަށާފައެވެ. އަދި އެމެރިކާ އާއީ އިސްރާއީލުން ގުޅިގެން އީރާން ބަލިކަށިކޮށްލަން ހިންގި އުދުވާނު ވަނީ އެއްކޮށް ނާކާމިޔާބުވެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު