މާލެ ސިޓީ ކައުންސިލާ މެދު، ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށް ޓަކައި، މިހާރު ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ، ދެ ފުށްފެންނަ ގޮތަށް މަސައްކަތްތައް ކުރުން ކަމަށް، މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިހެން ވިދާޅުވީ، ވިސްލްބްލޮވިންގް އަށް، މާލެ ސިޓީ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުން އަހުލުވެރި ކުރުމަށް ރޭ ކުރިއަށް ދިޔަ ސެޝަނަށް ފަހު ދެއްކެވި ވާހަކަ ފުޅުގައެވެ..
މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ، ދެ ފުށްފެންނަ، ރައްޔިތުން އެންމެ އިތުބާރުކުރާ ރާއްޖޭގެ އެންމެ ނަމޫނާ ކައުންސިލަށް މާލެ ސިޓީ ކައުންސިލް ހެދުންކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ. އަދި ވިސްލްބްލޮވިންގ އަށް ކައުންސިލްގެ މުވައްޒަފުން އަހުލުވެރި ކުރުމަށް، ވިސްލްބްލޮވަރ ޕްރޮޓެކްޝަން ޔުނިޓުގެ މެމްބަރުން، އެފަދަ ސެޝަނެއް އިންތިޒާމް ކޮށްދެއްވީތީ، އެކަމަށް ޝުކުރު ވެސް އަދާކުރެއްވިއެވެ.
މޭޔަރ ވިދާޅުވީ، ވިސްލްބްލޯ ކުރުމަކީ ކޮބައިކަން، ކައުންސިލްގެ މުވައްޒަފުންނަށް މިހާރު އެނގިފައިވުމުން، ކައުންސިލްގެ އެއްވެސް ކަމެއް ގޯސްކޮށް ހިނގާނަމަ، އެ ކަން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށާއި، ގޯސްކޮށް ކަމެއް ހިނގާނަމަ ލަސްނުކޮށް އެ ކަން ރިޕޯޓް ކުރެއްވުމަށް މޭޔަރ އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ އިތުބާރު ހޯދައި، އެ އިތުބާރު ދެމެހެއްޓުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރާއްޖޭގެ މުހިއްމު އިދާރާ ތަކުގެ އިތުބާރު، ރައްޔިތުންގެ ކުރިމަތީގައި ގެއްލިފައިވުން ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ. ޢާއްމު ރައްޔިތުންނާއި އިދާރަތަކުގެ މުވައްޒަފުން ވެސް، މައްސަލައެއް ހުށަހަޅައިފި ނަމަ، އެ މައްސަލަ، އިންސާފުވެރިކަމާއެކު ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެވެން ޖެހޭ ކަމަށާއި މި ގޮތަށް ޢަމަލުކުރަން ފެށުމުން، ދިވެހިރާއްޖޭގެ އިދާރާ ތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން