އުފެއްދުންތެރި އެހެން މަސައްކަތްތައް ކުރުމަށް ވަގުތުދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
ހެނދުރުނު 9 ޖެހިއިރު ފެށި މި ޖަލްސާ ނިންމާލާފައިވަނީ 10:30 ގައެވެ.
މަޖިލީޙުގައި މައިގަނޑުގޮތެއްގައި މިއަދު އޮތީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު، ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސާއި، ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ހުށަހެޅުއްވި ތައުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ސިއްހީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމްކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމައްޓަކައި ހުށަހަޅާ ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުމެވެ.
މިއަދުގެ ޖަލްސާގައި ވެސް ބައެއް މެމްބަރުން ވަނީ، މަޖިލީހުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެކުރިން ވެސް ބައެއް ޖަލްސާތަކުގައި މަޖިލީހުގެ މެމްބަރުން، ހާއްސަގޮތެއްގައި އެމްޑީޕީގެ މެމްބަރުން އަންނަނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރުމަށް ސަރުކާރުން ވެސް އަދި މަޖިލީހުގައި ސުޕާ މެޖޯރިޓީ އޮތް ޕީއެންސީން ވެސް ފުރުސަތު ނުދޭކަމަށް ބުނަމުންނެވެ. އަދި މުހިންމު މަސައްކަތްތަކެއް މަޖިލީހަށް ހުށަނޭޅޭކަމަށް ބުނެ ވެސް އެ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
މި ވާހަކަފުޅުތައް ތަކުރާރުވާން ފެށުމުން، މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް އަބްދުﷲ ވަނީ، އެ ވާހަކަތަކަކީ ހަގީގަތާ ޚިލާފަށް ދެކެވޭ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ މުހިންމު މަސައްކަތްތަކެއް ކުރަނީ ކޮމިޓީތަކުގައި ކަމަށްވީ ހިނދު، ކޮމިޓީތަކުގެ މަސައްކަތްތައް ގަވައިދުން ހިނގަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދަށް ވެސް މަޖިލީހުގެ ކޮމިޓީތައް އެބަހުރި 11:30 އިން ފެށިގެން ތާވަލުކުރެވިފައި. އެ މެމްބަރުން މިތާ އުޅުއްވާނެ. ބައެއް މެމްބަރުން ގެއަށް ވަޑައިގެންނެވުމަކީ ހުރިހާ މެމްބަރުން ގެއަށް ވަޑައިގަންނަވާ ވަޑައިގެންނެވުމަކަށް ނުވާނެ. ތި ހުރިހާ ބޭފުޅުން އެބަ ވިދާޅުވޭ، ކޮމިޓީތަކުގައޭ މަޖިލީހުގެ މުހިންމު މަސައްކަތްތަކެއް ކުރަނީ. އެހެންވީމަ ކޮމިޓީތަކުގައި މަސައްކަތްތައް އެބަ ހިނގާ. ކޮންމެ ދުވަހަކު ވެސް"މަޖިލީހުގެ ރައީސް އަބުދުރަހީމް އަބުދުﷲ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން