Saturday, October 31
ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރު.ޓީ.އެލްގެ ޚިދުމަތްތައް ފެށޭނެ: ވަޒީރު އަމީން

އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ވެސް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ޚިދުމަތްތައް ލިބޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

މިގޮތުން ވަޒީރު ވިދާޅުވީ އާރު.ޓީ.އެލް ހިންގަމުންދާ އެއްވެސް ރޫޓެއް ހުއްޓާލާފައި ނުވާނެ ކަމަށާއި، އަދި އެއްވެސް އަތޮޅެއްގެ ޚިދުމަތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. ވަޒީރު ވިދާޅުވީ މި ސަރުކާރު އައި އިރު އާރު.ޓީ.އެލްގެ ރޯލްއައުޓް ޕްލޭން އޮތީ 2027 ގައި ނިމޭގޮތަށް ރިވައިޒް ކުރައްވާފައި ކަމަށާއި، ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2025 ގައި މި މަސައްކަތް ނިންމުމަށް އަވަސް ކުރުމަށް ނިންމަވާފައި ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ރައީސްގެ ނިންމެވުމުގެ ދަށުން ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ވެސް އާރު.ޓީ.އެލްގެ ޚިދުމަތް ފެށޭނެ ކަމަށާއި، އެހެން އަތޮޅުތަކުގައި ވެސް މި ޚިދުމަތް ފެށުމަށް ބޭނުންވާ ލޯންޗްތައް ބަނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު ޚިދުމަތް ދެމުންދާ އެއްވެސް އަތޮޅެއްގައި ބެކަޕްގެ ގޮތުގައި އެއްވެސް އުޅަނދެއް ޤާއިމުކުރެވިފައި ނެތް ކަމަށެވެ. އެގޮތުން، ލޯންޗްތަކުގެ މެއިންޓެނަންސަށް ވެސް ޚިދުމަތުން ބައެއް ދުވަސްދުވަހު ނަގަން ޖެހޭ ކަމަށާއި، އެހެންކަމުން ބެކަޕް އުޅަނދުތައް ހުރުމުގެ މުހިންމުކަން އެބަ އޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު