ކެންޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ހައި ކޮމިޝަނަރ، ހިޒް އެކްސަލަންސީ ޕީޓާ މުންޔެރީ މައިނާ، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ހައި ކޮމިޝަނަރ ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.
ކެންޔާގެ އައު ހައި ކޮމިޝަނަރ، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު އައު ހައިކޮމިޝަނަރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ. ހައި ކޮމިޝަނަރ ވަނީ ކެންޔާގެ ރައީސް ވިލިއަމް ރޫޓޯގެ ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވައި، އެމަނިކުފާނަށް ރާއްޖެއިން އެރުވި މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖެއާ ކެންޔާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 23 އޮކްޓޫބަރު 1995 ގައެވެ.
މި ލިޔުން ކިޔާލުމުން