Saturday, October 31
މިނިމަމް ވޭޖާ ގުޅޭ ދިރާސާ ޑިސެންބަރުގެ ނިޔަލަށް ނިމޭނެ: ވަޒީރު ޑރ. ހައިދަރު

މިނިމަމް ވޭޖު މުރާޖަޢާކުރުމަށް ކުރަމުންދާ ދިރާސާތައް މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު، ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން މިނިމަމް ވޭޖަކީ ކޮންމެ ދެ އަހަރަކުން މުރާޖަޢާކުރަންޖެހޭ އެއްޗެކެވެ. ނަމަވެސް އެންމެ ފަހުން މިނިމަމް މުރާޖަޢާ ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ކަމަށްވާއިރު، އޭގެ ފަހުން މިހާތަނަށް މިނިމަމް ވޭޖު މުރާޖަޢާކޮށްފައި ނުވާތީ އެކަމާ ގުޅޭގޮތުން މެންބަރު މަޢުރޫފް ވަނީ ވަޒީރާ މިއަދު ސުވާލުކުރައްވައިފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. ހައިދަރު ވިދާޅުވީ މިނިމަމް ވޭޖު ފުރަތަމަ ކަނޑައަޅާފައިވަނީ 8 ނޮވެންބަރު 2021 ގައި ކަމަށާއި، މިނިމަމް ވޭޖު ދެން މުރާޖަޢާކުރަން ޖެހޭނީ 8 ނޮވެންބަރު 2023 ގައި ކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރު ނިމުނުއިރު އެކަން ނުކޮށް އޮތުމުގެ ސަބަބުން މި ސަރުކާރުން އައިސް އެ މަސައްކަތް ފަށައި، މިނިމަމް ވޭޖުގެ އައު ބޯޑު އެކުލަވާލާފައިވަނީ 3 ޖުލައި 2024 ގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ ބޯޑުގެ ލިޔެކިޔުންތައް އައު ބޯޑާ ހިއްސާކުރުމަށް ވަގުތު ބޭނުންވި ކަމަށާއި، މި މަސައްކަތުގައި އުޅުއްވި ފަންނީ ގިނަ ފަރާތްތަކެއް އެކި ސަބަބުތަކާހުރެ މަސައްކަތާ ދުރަށް ގޮސްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، މިފަދަ މަސައްކަތަކަށް ބޭނުންވާ ފަންނީ ތަޖުރިބާއާއި އެހީތެރިކަން ލިބުމުގައި ދަތިތަކެއް ހުރިކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

ހައިދަރު އިތުރަށް ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާދީފައިވާ ކަމަށާއި، މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާސާގެ މަސައްކަތް މި އަހަރުގެ ޑިސެންބަރުގެ ނިޔަލަށް ނިންމާލެވޭތޯ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު