ދައުލަތުން ތައުލީމަށް ކުރާ ހޭދައާއި އެއްވަރަށް ނާތީޖާ ހީސިލް ނުކުރެވޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ދައުލަތުން ތައުލީމަށް ހަތަރު ބިލިއަން ރުފިޔާ ހޭދަކުރާއިރު ނަތީޖާ އެދެވޭ ވަރަށް ވުރެ ދަށްކަމަށެވެ.
ރާއްޖޭގެ ސާނަވީ ތައުލީމުގެ ހާލަތު ވިދާޅުވެދެއްވަމުން ވަޒީރު ފާހަގަކުރެއްވީ 2013 ވަނަ އަހަރުގެ ނަތީޖާއާއި 2014 ވަނަ އަހަރުގެ ނަތީޖާއާ އަޅާ ބަލާއިރުު ވެސް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ 50% އަށް ފަސް މާއްދާއިން 'ސީ' ފާސް ހާސިލު ނުކުރެވުނު ކަމަށެވެ. އަދި 2023 އަދި 2024 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރުވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއިން އަޅުގަނޑުމެންނަށް މި އިނގެނީ ގާތްގަނޑަކަށް 4 ބިލިއަނެއްހާ ރުފިޔާ ދައުލަތުން ތައުލީމަށް ހޭދަ ކުރަމުންދާއިރުގައި އަދި އަޅުގަނޑުމެންގެ ހީވާގި މުދައްރިސުން އެތައް ގަޑިއިރެއް ކިޔަވާދިނުމަށް ވަގުތު ހޭދަކުރަމުން ގެންދަވާއިރުުގައި، އަދި ބެލެނިވެރިން ކުރާ މަސައްކަތާއެކުގައި، މިހުރިހާ މަސައްކަތެއް ގުޅިގެން ވެސް އަޅުގަނޑުމެން އެންމެ ދާން ބޭނުންވާ މަންޒިލަށް އަޅުގަނޑުމެންނަށް ވާސިލުނުވެވެޔޭ" ވަޒީރު ވިދާޅުވި އެވެ.
މީގެއިތުރުން، އޯލެވެލް އިމްތިހާނުން ގަދަ 10 އަކަށް ހޮވޭ ދަރިވަރުންގެ އިންސައްތަ، އަދި އޭގެ ތެރެއިން އޭލެވެލް އިމްތިހާނުން ގަދަ 10 އަކަށް ހޮވޭ އިންސައްތަ ދަށްވަމުންދާކަމުގެ ކަންބޮޑުވުންވެސް މިނިިސްޓަ ފާހަގަކުރެއްވި އެވެ.
"މިއަހަރު އޭލެވެލް ނިންމި ދަރިވަރުންގެ އޯލެވެލް ބެޗުގައި 840 އަށް ވުރެ ގިނަ ދަރިވަރުން ޓޮޕްޓެން ހާސިލުކުރި. އެހެންނަމަވެސް ނަތީޖާއަށް ބަލާއިރު އަޅުގަނޑުމެންނަށް ފާހަގަވީ 840 އަށް ވުރެ ގިނަ ދަރިވަރުންގެ ތެރެއިން ފަސްދޮޅަސް ހަތަރު ދަރިވަރުން އޭލެވެލްއާ ހަމަޔަށް ދާއިރުގައި އޭލެވެލްގެ ޓޮޕް 10 އަކަށް ރީޗެއް ނުވެވޭ އޯލެވެލް ޓޮޕް 10ގެ ދަރިވަރުންގެ ތެރެއިން އޭލެވެލްގެ ތެރެއަށް ވަދެގެން މިދަނީ ތިރީސް ހަ ޕަސެންޓް ދަރިވަރުން" ވަޒީރު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ސާނަވީ ނަތީޖާ ދަށްވާ ސަބަބަކީ ޕްރައިމަރީ ގްރޭޑުތަކުގައި ލިބޭ ނަތީޖާ ދަށްވުމެވެ. އިނގިރޭސި، ހިސާބު އަދި ދިވެހި ފަދަ މާއްދާތަކުން ދަރިވަރުންނަށް އެކަށީގެންވާ ނަތީޖާ ހާސިލުނުކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރަން ޓީޗަރުން އަދި ޕްރިންސިޕަލުންނަށް ބޭރުން ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން ކިޔަވައިދޭ ކަރިކިއުލަމަށް ވެސް ބަދަލު ގެންނަމުންދާ ކަން މިނިސްޓަރ ފާހަގަކުރައްވާފަ އެވެ.
މި ލިޔުން ކިޔާލުމުން