އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އީރާނުގެ ކުރިއަރާފައިވާ އެންމެ ޒަމާނީ މިސައިލްތަކުން އިސްރާއީލަށް ދަނީ ބޮޑެތި ގެއްލުންތައް ދެމުންނެވެ.
އީރާނުގެ މިސައިލުތަކުން އިސްރާއީލުގެ ހުރިހާ ސަރަޙައްދަކަށް ސީދާކަމާއި އެކު ފޯރުމުގެ ގާބިލުކަން ލިބިފައިވާއިރު ، އިސްރާއީލަށް މިފަދަ ހަމަލާތަކުން ދިފާއުވުމަށް ބޮޑެތި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ.
ހަނގުރާމަ މިހާރު ހަފްތާއަކަށް ދިގުލައިގެން ގޮސްފައިވާއިރު އީރާނުން ފޮނުވާލާ ބެލިސްޓިކް މިސައިލްތައް ގިނަވެގެން 12 މިނެޓުގެ ތެރޭގައި އިސްރާއީލަށް ފޯރާކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި އީރާނުގެ މިސައިލް ޕްރޮގްރާމަކީ އީރާނުގެ އަސްކަރީ ބާރު ވަރަށްބޮޑަށް ރަމްޒުކޮށްދޭ ހެކިތަކެއްގެ ގޮތުގައި ހުޅަނގުގެ ބާރުތަކުންވެސް ގަބޫލުކުރެއެވެ.
އީރާނުގެ މީޑިއަމް ރޭންޖް ބެލިސްޓިކް މިސައިލް (އެމްއާރުބީއެމް) ތެރޭގައި ހިމެނޭ ސެޖިލް، ޚައިބާރު، އަދި ފައްތާހު 1 އިން އިސްރާއީލާ ދެމެދު އޮންނަ 1500 ކިލޯމީޓަރުގެ ދުރުމިން ގާތްގަނޑަކަށް 12 މިނެޓުގައި ކަވަރުކޮށް، މެކް 5 ނުވަތަ އެއަށްވުރެ މަތީ ސްޕީޑެއްގައި ދަތުރުކުރެވޭނެ އެވެ.
އީރާނުން 2023 ވަނަ އަހަރު ޓެސްތްކޮށްފައިވާ ހައިޕަރސޮނިކް ފައްތާހު-1 އަކީ އަޑުގެ ފަސްގުނައަށް ވުރެ ބާރު ސްޕީޑުގައި ދަތުރުކުރާ އެއްޗެއް ކަމުން މިސައިލް ޑިފެންސް ސިސްޓަމްތަކަށް މިފަދަ މިސައިލްތައް މަތަކުރުމަށް ވަރަށްބޮޑަށް އުނދަގޫވެގެންދެއެވެ. މީގެ އިތުރުން އީރާނުން އަޑަށްވުރެ 15 ގުނަ ބާރު މިނުގައި ދަތުރުކުރާ ހައިޕަސޮނިކް މިސައިލްތައް ވެސް އިސްރާއީލާއި ދެކޮޅަށް ބޭނުންކޮށްފައިވާ ކަމަށް ބެލެވެއެވެ. މިފަދަ މިސައިލްތައް އިސްރާއީލަށް ފޯރަން ނަގާނީ އެންމެ 4 މިނިޓެވެ.
އީރާނަކީ މެދުއިރުމަތީގައި އެންމެ ބޮޑު ބެލިސްޓިކް މިސައިލް ސްޓޮކް ހުރި ގައުމަށްވާއިރު ، އިސްރާއީލަށް ހަމަލާދޭނެ އެތައްހާސް މިސައިލް އީރާނުގައި ހުންނާނެކަމަށް ކަމަށް ލަފާކުރެވެ އެވެ. އޭގެ ތެރޭގައި އެއް ޓަނުގެ ވޯހެޑް އުފުލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލްތައް ހިމެނެއެވެ. މިފަދަ މިސައިލުތަކުން ބޮޑެތި އިމާރާތްތައް ބިމާ އެއްވަރުކޮށްލެވޭއިރު ، ގޮވުމުގެ ބާރުމިން ވަރަށް ވަރުގަދަ ޚޯރަމްޝަހްރު-4 ފަދަ ޒަމާނީ މިސައިލްތައް ހިމެނެ އެވެ.
އީރާނުން އިސްރާއީލަށް ދިން ފަހުގެ ހަމަލާތަކުން އީރާނުގެ ޤާބިލުކަން ދައްކާފައިވާއިރު، އީރާނުގެ މިސައިލްތައް އިސްރާއީލުގެ ދިފާޢީ ނިޒާމުތަކަށް މަތަކުރެވިފައި ނުވެއެވެ.
މި މަހު 19 ގައި ގައި އީރާނުން ފޮނުވާލި މިސައިލް ހަމަލާގައި ކްލަސްޓާ ވޯހެޑް އަލަށް ބޭނުންކޮށްފައި ވާއިރު ޔަހޫދީ އިސްރާއީލްވަނީ ވަރަށް ބޮޑަށް ސިހިފައެވެ. މި ވޯހެޑްތަކުން 10 މޭލު ދިގުމިނުގެ ސަބްމިއުނިޝަންތައް ފަތުރާއިރު، ކޮންމެ އެއްޗެއްގައި 5.5 ޕައުންޑްގެ ގޮވާތަކެތި ހުރެއެވެ.
އީރާނުގެ އެންމެ ބާރުގަދަ އަސްކަރީ ގޮފި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ ހައިޕަރސޮނިކް މިސައިލް، ޑެކޯ، އަދި ރާޑަރު ސަޕްރެޝަން ފަދަ ޓެކްނޮލޮޖީތަކުން ކުރިއަރާފައިވާ މިސައިލްތައް ބޭނުންކޮށް މި ހަނގުރާމައިގައި އިސްރާއީލާއި އެމެރިކާ އަދި ހުޅަނގުގެ ގައުމުތައް ސިއްސުވާލާފަ އެވެ.
.
މި ލިޔުން ކިޔާލުމުން