Thursday, November 5
ޔަހޫދީންގެ މަދަދާއެކު ވެރިކަން ހޯދުމުގެ ދަހިވެތި ކަމުގައި އީރާނުގެ ކުރީގެ ކްރައުން ޕްރިންސް މަސައްކަތް ކުރަނީ

1979 ވަނަ އަހަރު އީރާނަށް ގެނެވުނު އިންގިލާބުގައި ބަދަލުކުރި ހުޅަނގަށް ވާގިވެރިވި ރަސްކަމުގެ ކްރައުން ޕްރިންސް ރެޒާ ޕަހުލާވީ ، ވެރިކަން ހޯދުމުގެ ދަހިވެތި ކަމުގައި އިސްރާއީލުގެ އުދުވާނަށް ތާއީދުކޮށް އީރާނާ ދެކޮޅަށް މަސައްކަތް ފަށައިފިއެވެ. ކުރީގެ ކްރައުން ޕްރިންސް ރެޒާ ޕަހުލާވީ އަކީ ރަސްކަމުން ދުރުކުރެވުނު ޝާހް މުހައްމަދު ރައްޒާ ޕަހުލާވީގެ ދަރިކަލުންނެވެ.

އެމެރިކާގައި އަރުވާލެވިގެން މިހާރު ދިރިއުޅޭ ޕަހްލާވީ ވަނީ އީރާނުގެ ހަމަޖެހުން ނަގާލުމަށް ފާޅުކަން ބޮޑު ގޮތެއްގައި އިސްރާއީލާއި ހުޅަނގުގެ ބާރުތަކާ ގުޅިގެން މަސައްކަތް ފަށާފައެވެ. މިގޮތުން ރައްޔިތުން ނުކުމެ އީރާނުގެ ޝަރުއީ ސަރުކާރު ވައްޓާލުމަށް އޭނާ ވަނީ ގޮވާލާފައެވެ.

އޭނާގެ މި އަމަލުތަކުގެ ސަބަބުން އީރާނުގެ ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އުފެދިފައިވާއިރު، އެމީހުން ދެކެނީ އޭނާއަކީ އެމީހުންގެ ގައުމުގެ އިސްތިގުލާލަށް ބުރޫއަރުވާލުމަށް މަސައްކަތްކުރާ ހުޅަނގަށް ވަފާތެރި ޕަޕެޓެއްގެ ގޮތުގަ އެވެ.

ޕަހްލާވީ އަކީ އޭނާގެ އާއިލާގެ ހުދުމުހުތާރު ރަސްކަން އަލުން އީރާނުގައި ގާއިމް ކުރުމުގެ ޝައުގުވެރިކަން ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅޭ ފަރާތެކެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރެފައިވާ ބަޔާންތަކާއި ، ބައެއް ހުޅަނގުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އޭނާގެ ފަހުގެ ބަޔާންތަކުން ހާމަވަނީ އީރާނުގެ ވެރިކަން ބަދަލުކުރުމަށް ނުރައްކާތެރި އެޖެންޑާއެއްގެ މަސައްކަތް ޕަހްލާވީ ކުރަމުންދާ ކަމެވެ.

ޕަހްލާވީ ވަނީ އިރާނުގެ ސަރުކާރު ވެއްޓިގެންދާ ކަމަށް ބުނެ އީރާނުގެ ސިފައިންނާއި ރައްޔިތުންނަށް ، ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީއާ ދެކޮޅަށް ތެދުމަށްއިލްތިމާސްކޮށްފަ އެވެ. އަދި ޚާމަނާއީއަށް މަލާމާތްކޮށް ހުތުރު ބަސްތައް ބުނެފައިވެއެވެ.

އިސްރާއީލުން އީރާނާއި ދެކޮޅަށް ފަށާފައިވާ  އުދުވާން "އޮޕަރޭޝަން ރައިސިންގ ލަޔަން" އާއި އެކު ވެރިކަން ބަދަލު ކުރުމުގެ ހުވަފެން ދެކެމުން އަންނަ  ޕަހުލާވީ ވަނީ ހުޅަނގުގެ މަދަދާއެކު މަސައްކަތް އިތުރަށް ފުޅާކޮށް ފަށާފައެވެ. ޕަހުލާވީ އަކީ ޔަހޫދީ އިސްރާއީލަށް ވަފާތެރި  މީހެއްކަން 2023 ވަނަ އަހަރު އޭނާ ގުދުސްއަށް ކުރި ދަތުރުން ހާމަވެގެންދެއެވެ. އޭރު އިސްރާއީލުން ވަނީ އޭނާއާ މެދު ރަސްކަލެއް ފަދައިން ކަންތައް ކޮށްފައެވެ.

ޕަހުލާވީ މަސައްކަތް ކުރަމުންދަނީ ހުޅަނގުގެ މަދަދާއެކު އީރާނުގައި ސެކިއުލަރ ޑިމޮކްރަސީ އެއް ގާއިމް ކުރުމުގެ ތަސައްވުރުގައި ކަމަށް އީރާނުގެ ރައްޔިތުން ގަބޫލުކުރެއެވެ.  1979 ވަނަ އަހަރުގެ އިންގިލާބުގައި ޕަހުލާވީގެ ބައްޕަގެ އަނިޔާވެރި ވެރިކަން ރޫޅާލައި ސަރުކާރެއް ގާއިމްކުރިފަހުން އީރާނު ރައްޔިތުން އަލުން ރަސްކަމެއް ގާއިމުކުރުމަށް ބޭނުން ނުވާކަމަށް އީރާނުގެ ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި އިސްރާއީލުގެ އުދުވާނަށް ތާއިދުކޮށް އޭނާ ގޮވާލާ ގޮވާލުންތަކަކީ އަމިއްލަ ފައިދާއަށް އީރާނުގެ މިނިވަންކަންވެސް ގުރުބާންކުރަން އުޅުން ކަމަށް އީރާނުގެ ރައްޔިތުން ދެކެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު