ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢަކީ "ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން"، މިއެވެ.
މިގޮތުން މިއަދުގެ ޚުޠުބާގައި ވިދާޅުވީ ހިޖުރައިގެ މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާ ފުޅަ މާނައެއް އޮތް ކަމެއް ކަމަށާއި، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއްވާ ކަމަށާއި، ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ، ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށެވެ.
މީގެ އިތުރުން، ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ އެ ކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ހަމަޖައްސާފައިވުން ކަމަށާއި، ހިޖުރައިގެ ދަތުރުފުޅުގެ މަސައްކަތްތައް ވަނީ ވަރަށް ފުރިހަމައަށް ބަހައިލެވިފައި ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އަދި، ދަތި އުނދަގޫ ވަގުތުގައިވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ފިލާވަޅުވެސް ހިޖުރައިން ލިބޭ ކަމަށްވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ ހިޖުރައިގެ ހާދިސާއިން ލިބޭ އެއް ފިލާވަޅަކީ ކަންކަމުގައި މާތްﷲ އާ ވަކީލުކުރަންޖެހޭކަން ކަމަށާޢި، މާތްﷲ އާ ވަކީލުކުރުމަކީ އެއްވެސް ހާލެއްގައި ވަކީލުކޮށްފީމޭ ބުނެ ދެ އަތް އުރާލައިގެން ތިބުމެއް ނޫން ކަމަށެވެ.
"ވަކީލުކުރުމަކީ، ކަންކަން ކުރުމުގައި ލިބޭން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއެކު، މާތްﷲގެ ޙަޟުރަތުން ރައްކާތެރިކަމާއި ތައުފީޤު ލިބޭނެ ކަމަށް ޔަޤީންކޮށްގެން ހުރުން"، ޚުޠުބާގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ހިޖުރައިގެ ސަވާބާއި ދަރުމަ ލިބުން ހުރީ އެކަމުގައި ހިޖުރަވެރިޔާގެ ނިޔަތުގެ މައްޗަށް ކަމަށާއި، ބައެއް މީހުން ދުނިޔަވީ ފައިދާއެއް ހޯދުމަށް ނުވަތަ މީހަކާ ކާވެނި ކުރުމަށްވެސް ހިޖުރަކޮށް އުޅޭ ކަމަށާއި، ނަމަވެސް ސަވާބާއި ދަރުމަ ހުރި ހިޖުރައަކަށް ހިޖުރަވާނީ، މާތްﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ކުރި ހިޖުރައަކަށް ވާނަމަ ކަމުގައިވެސް ޚުޠުބާގައި ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން