Saturday, October 31
މި މަހުގެ ނިޔަލަށް ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަ ނުކުރާނަމަ ފިޔަވަޅު އަޅަނީ

މި މަހުގެ ނިޔަލަށް ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަ ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް އަދާހަމަކޮށްފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.  

އެހެންކަމުން، ޖޫން 30 ގެ ނިޔަލަށް ބިދޭސީ ފަރާތް ރާއްޖޭގައިހުރެ ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކުގެ ބައޯމެޓްރިކްސް އަދާހަމަކޮށް ނިންމުމަށް އެ ވުޒާރާއިން ވަނީ އަންގައިފައެވެ.

އަދި މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައި ނުވާ ފަރާތްތަކަށް 2025 ޖުލައި 01 ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މިގޮތުން އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  1. ބައޯމެޓްރިކްސް އަޕްޑޭޑް ކޮށްފައިނުވާ އެކްޓިވް ވަރކް ޕަރމިޓެއްގައި ރާއްޖޭގައި ހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތަށް އެކްސްޕެޓް ސިސްޓަމްއިން ދެމުން ގެންދާ ހުރިހާ ޚިދުމަތްތަކެއް މެދުކަނޑާލުން. 
  2. ބައޯމެޓްރިކްސް އަޕްޑޭޑް ކޮށްފައިނުވާ އެކްޓިވް ވަރކް ޕަރމިޓެއްގައި 4 މަހަށް ވުރެ ގިނަ ދުވަހަށް ރާއްޖެއިން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީ އަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް އެކްސްޕެޓް ސިސްޓަމް ރިކޯޑްތަކަށް ބެލުމަށްފަހު ބާޠިލްކުރުން. 
  3. ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖޭގައި ހުރެ ޤާނޫނާ ޤަވާއިދުގެ ތެރެއިން ވަޒީފާދޭ ފަރާތެއް ހުރި ބިދޭސީއެއް ނަމަ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށްފަހު ރެގިއުލަރައިޒް ކުރުމުގެ ފުރުޞަތު ދިނުން. 
  4. ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖޭގައި ހުރެ ޤާނޫނާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީއެއްނަމަ އެ ބިދޭސީއަކު ޑީޕޯޓްކޮށް ވަރކް ޕަރމިޓް ބާޠިލްކުރުން. 

މީގެ އިތުރުން، ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާޠިލްކުރުމާއި، ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމަށްފަހު އެކްޓިވް ވަރކް ޕަރމިޓެއްގައި 1  އަހަރު ދުވަހުގެ މުއްދަތަކަށްވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައިހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާޠިލްކުރުންވެސް މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި  ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ހުރި ބިދޭސީއަކަށް ވަޒީފާދޭނެ ފަރާތެއް ހުރެއްޖެނަމަ އެ ފަރާތަކަށް ރެގިއުލަރައިޒް ވުމުގެ ފުރުޞަތު ދިނުމުގެ އިތުރުން ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސް 4މަހަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ ސިސްޓަމް ރެކޯޑްތައް ބެލުމަށް ވަރކް ޕަރމިޓް ބާޠިލްކުރާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު