ޖީއެމްސީއީ ނުވަތަ ޖެމްކިޔުގެ ނަމުގައި ރާއްޖޭގައި ހިންގަމުން އައި ޕިރަމިޑް ސްކީމުން ފައިސާ ނުނެގޭ ގޮތް ހަދައިފިއެވެ.
މިގޮތުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޜަރީގެ ފައިނޭންޝަލް ކްރައިމް ޑިޕާޓްމަންޓް ފޮނުވި ކަމަށް ބުނާ ސިޓީއެއް ޖެމްކިޔުގެ ޓެލެގްރާމް ގްރޫޕަށް ވަނީ ލައިފައެވެ. އަދި މި ޕިރަމިޑް ސްކީމުން ފައިސާ ނުނެގޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އެމެރިކާގެ އިދާރާތަކުން ކުރަމުންދާ ތަޙުޤީޤަކާ ގުޅިގެން ފައިސާ ހޯލްޑްކުރެވިފައިވާތީ ކަމަށެވެ. އަދި ތަޙުޤީޤު ނިމި އާންމު ހާލަތަށް އައުމުން އަނެއްކާވެސް ފައިސާ ނެގޭނެ ކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް، ޖެމްކިޔު އިން ޓެލެގްރާމް ގްރޫޕަށް ފޮނުވާފައިވާ ސިޓީއަކީ އެމެރިކާގެ އިދާރާތަކުގައި ބޭނުންކުރާ މިންގަނޑުތަކާ އެއްގޮތަށް ހުރި ސިޓީއެއް ނޫން ކަމަށާއި، އެ ސިޓީ ފޮނުވި ކަމަށް ބުނާ އެކްޓިންގ ޑެޕިއުޓީ ޑިރެކްޓަރ ޖޯނަސް ގިބަންސް އަކީވެސް އެ އިދާރާގައި މަސައްކަތް ކުރާ މީހެއްވެސް ނޫން ކަމަށް ބުނެ ގިނަ ފަރާތްތަކުން ދަނީ އެއީ ފޭކު ސިޓީއެއް ކަމަށް ބުނަމުންނެވެ.
ބައިލައްކައެއްހާ ދިވެހިން ބައިވެރިވެފައިވާ ޖެމްކިއު އިންވެސްޓްމެންޓް ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި، އެ ސްކީމް ހިންގައި ޕްރޮމޯޓްކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގަމުންދާ އިންވެސްޓްމަންޓް ސްކީމަކީ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގާ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގައި ބައިވެރިވާ ފަރާތްތަކަށް ޔޫއެސްޑީޓީ ނަމަކަށް ކިޔާ ޑިޖިޓަލް ފައިސާ (ކްރިޕްޓޯކަރަންސީ) ބޭނުންކޮށްގެން އިންވެސްޓްކުރެވެއެވެ.
ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، މި ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކީމެއް ނޫން ކަމަށާއި، ޤާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއްވެސް ނޫނެވެ. ބޭރު ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި ތަޙުޤީޤުތަކުން، މިއީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ވަނީ ކަށަވަރުވެފައެވެ.
މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކުރާކަމަށް ދައްކުވައިދޭ ނަމަވެސް، އެއީ "އޮޅުވާލުމެއް" ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 319 ވަނަ މާއްދާގެ ދަށުން ޕިރަމިޑް ސްކީމްތަކުގައި ބައިވެރިވުމުގެ ޙައްޤު ވިއްކުމަކީ ކުށެއްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ފުލުހުންނާއި ސީއެމްޑީއޭއިން ވަނީ އާންމު ރައްޔިތުންނަށް، ޓެކްނޮލޮޖީއާ ގުޅުވައިގެން ތަޢާރަފުވަމުންދާ މިފަދަ ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ސްކީމްތަކުގައި އިންވެސްޓްކުރުމުގެ ސަބަބުން ގިނަ ބަޔަކަށް އަނބުރާ ނުލިބޭފަދަ މާލީ ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން