އީފާސް ޑިޖިޓަލް އައިޑީ އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ޑިޖިޓަލްކޮށް ޚިދުމަތް ދިނުމަށް ބޭނުންކުރާ މުހިންމު ވަސީލަތަކަށް އީފާސް ހައްދަވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ އަލަށް އެކުލަވާލާ ޑިޖިޓަލް އައިޑެންޓިޓީ ބިލަށް ޚިޔާލު ހޯދަން ބާއްވާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގަ ވާހަކަ ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ ޑިޖިޓަލް އައި.ޑީ ބިލްގެ ފުރަތަމަ ޑްރާފްޓަށް މަޝްވަރާ ކުރުމަށް ސްޓޭކްހޯލްޑަރުންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަވަމުން، ސްޓޭޓް ވިދާޅުވީ އީފާސްއަކީ ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ތައްޔާރުކޮށްފައިވާ އެންމެ ހަރުދަނާ އަދި އިތުބާރު ހުރި ޑިޖިޓަލް ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތް ކަމުގައެވެ.
އަދި އީފާސް ޑިޖިޓަލް އައިޑީ ސިސްޓަމް ޤައުމީ ފެންވަރުގައި ބޭނުންކުރުމުގެ ތެރެއިން ޑިޖިޓަލް ޓްރާންސްފޮމޭޝަން ކުރިއެރުވުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށްވެސް ސްޓޭޓް ޑރ. ކިނާނަތު ވިދާޅުވިއެވެ.
އީފާހަކީ ދިވެހިރާއްޖޭގެ ޤައުމީ ޑިޖިޓަލް އައި.ޑީ އަދި އަޅުގަނޑުމެންގެ ޤައުމީ އިންފްރާސްޓްރަކްޗަރގެ މުހިންމު ބައެއް. އޭގެ ސަބަބުން ޞިއްޙީ ޚިދުމަތްތަކާއި، ބޭންކިންގ އަދި ތަޢުލީމު ފަދަ ޚިދުމަތްތަކަށް ރައްކާތެރި އަދި ހަމަހަމަ ގޮތެއްގައި ވާޞިލުވުމުގެ ފުރުޞަތު ލިބިގެންދޭ. ޑރ. ކިނާނަތު
އީފާސްގެ ކާމިޔާބީތައް ފާހަގަކުރައްވާ ސްޓޭޓް ވަނީ އީފާސް ޑިޖިޓަލް އައިޑީ މިހާރު 250،000 އަށްވުރެ ގިނަ ފަރާތްތަކުން ބޭނުންކުރާ ކަމަށާއި އަދި ވޯލްޑް ބޭންކް އާއި އޭޑީބީ ފަދަ ޖަމްޢިއްޔާތަކުން އީފާސްއަށް ބައިނަލްއަޤްވާމީ ފެންވަރުގައި ލިބިފައިވާ ޤަދަރާއި، އޭގެ ކާމިޔާބީ ތަކުރާރުކުރުމަށް އެހެން ޤައުމުތަކުން ދައްކަމުންދާ ޝައުޤުވެރިކަން ވެސް ފާހަގަކުރައްވާފައެވެ.
އީފާސް ސިސްޓަމް އިތުރަށް ތަރައްޤީކުރުމުގެ އިތުރުން ޤާނޫނީ ގޮތުން ލިބެންޖެހޭ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށް ހަދަންޖެހޭ ޤާނޫނުތައް ހަދައި، ފުރިހަމަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ސްޓޭޓް ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގެ ދަށުން މުހިންމު ބިލުތަކެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެ ގޮތުން ޑޭޓާ ސެކިޔުރިޓީއާ ބެހޭ ބިލާއި ސައިބަރ ސެކިއުރިޓީ ބިލު މިހާރު ބަނޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށް ކިނާނަތު ވިދާޅުވިއެވެ. އަދި މޯލްޑިވްސް 2.0 ބިލާއި އާޓިފިޝަލް އިންޓެލިޖެންސްގެ ބިލުގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް މިހާރުކުރަމުންދާ ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން