Monday, November 9
ޝައްމާން ބަންދުން ދޫކޮށްލަންޖެހޭ ހާލަތެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމައިފި

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ހޯދަމުން އައިކަމަށް ތުހުމަތުވާ މައްސަލާގައި މަގާމުން ވަކިކުރި ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރަށް ތާޢީދުކޮށް އެ އަމުރު ދަމަހައްޓަން ސުޕްރީމް ކޯޓުން ވެސް ނިންމައިފި އެވެ.

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބިދޭސީއަކު ޝަމްއާނު އަންގަވައިގެން ދޫކޮށްލުމަށްފަހު، އެމީހާ އަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދި މައްސަލައިގައި ޝަމްއާނާއެކު ތިން އޮފިސަރަކު މާޗު މަހުގެ  22 ވަނަ ދުވަހު ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖެހި އެވެ. އެ ހުކުމް އިސްތިއުނާފްކުރުމަށް އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.  ހައި ކޯޓުގެ ރެޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

އެހެންވެ، އޭގެ ދެ ދުވަސް ފަހުން ޝަމްއާންގެ ފަރާތުން އެ ނިންމުން މުރާޖާ ކުރުމަށް ހުށަހެޅި އެވެ. އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުން ނިންމެވީ ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތަކުގައި ގާނޫނީ ބަހުސެއް އޮތުމުން ރެޖިސްޓްރާގެ ނިންމުން ބާތިލުކުރެއްވުމަށެވެ.

ޝަމްއާންގެ ބަންދަށް ޖެހި 15 ދުވަސް ހަމަވުމުން އޭނާ އަނެއްކާ ވެސް ކްރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. އެ ކޯޓުން ވަނީ، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.

އެ މައްސަލަ ބެލުމަށް ފަހު ހައިކޯޓުން ނިންމީ ދަށު ކޯޓްގެ ނިންމުން ރަނގަޅު ކަމަށެވެ. ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ. ހައިކޯޓްގެ ނިންމުން ޝަމްއާންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށައަޅާފަ އެވެ.

އެ ކޯޓުން މިއަދު ވަނީ އެ އަމުރު ބާތިލުކުރަން ޖެހޭ ކަަމަށް ޝަމްޢާންގެ ފަރާތުން އެކަށީގެންވާ ސަބަބެއް ބުނެދެވިފައިނުވާ ކަމަށް ކަނޑައަޅާ އެ އަމުރު ބާތިލުކުރާނެ ތަނެއް ނެތް ކަަމަށް ކަނޑައަޅާފަ އެވެ.

މި މައްސަލައާ ގުޅިގެން ޝަމްއާން، ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.އެ ގެއިން 257,475 ރުފިޔާ އާއި 10,000 ޑޮލަރުގެ އިތުރުން ބައެއް ގައުމުތަކުގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ހޯދާފައިވާއިރު އެ ފައިސާއަކީ ބިދޭސީން އަތުން ހޯދާފައިވާ ފައިސާ ކަަމަށް ތުހުމަތު ކުރެވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު