އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިމިފައިވީނަމަވެސް، ޚިދުމަތް ދިނުމުގައި ލަސްތަކެއް ކުރިމަތިވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މަދުވާތީ ކަމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރަށްރަށުގެ ނަރުދަމާ ނިޒާމްގެ މަސައްކަތްތާއި ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިގޮތުން ވަޒީރު ވިދާޅުވީ ގިނަ ރަށްރަށުގެ މަޝްރޫޢުތައް ހަވާލުކޮށްފައި އޮތީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަތައް ނުނަގައި، ޑިޒައިން ފައިނަލް ނުކޮށް އަމިއްލަ ފަރާތްތަކަށް ސަބް ކޮންޓްރެކްޓް ކޮށްގެން ކަމަށާއި، ސަބް ކޮންޓްރެކްޓް ކޮށްފައި ހުރީވެސް ޓެންޑަރ ބޯޑުގެ ހުއްދަ ނުނަގައި ކަމަށެވެ.
ވަޒީރު ވިދާޅުވީ މި މަޝްރޫޢުތަކުގެ މަސައްކަތް ނިމިފައިވިޔަސް، ޔުޓިލިޓީ އޮތޯރިޓީއަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ކޮންޓްރެކްޓަރުންގެ ފަރާތުން ހަމަނުވުމުގެ ސަބަބުން، އެ އޮތޯރިޓީގެ ހުއްދަ ނުލިބިގެން ޚިދުމަތް ދިނުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވަޒީރު ވަނީ، ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި ހުރި، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓި އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށްނުގެންދާތީ އެ އެއްބަސްވުން އުވާލައި މަޝްރޫއުތައް އަލުން ކުރިއަށްގެންދިއުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ކަމަށްވެސް ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން