ރާއްޖެ އާއި ވިއެޓްނާމާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ސްޓޭޓް ޕްރެޒިޑަންޓް ހިޒް އެކްސެލެންސީ ލުއޮންގް ކުއޮންގް އަށާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ ފާމް މިންހް ޗިންހް އަށް، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ސްޓޭޓް ޕްރެޒިޑެންޓަށް ފޮނުއްވި މެސެޖުގައި ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި މި ތާރީޚީ މުނާސަބަތުންވެސް، ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމާއި، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި ދޭ އެއްބާރުލުން ދައްކުވައިދޭކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ޚާއްޞަކޮށް ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމާއި، އިޤްތިޞާދީ ގޮތުން އެއްބާރުލުން ދިނުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭކަން ޔަޤީންކުރައްވާކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވިއެޓްނާމްގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި ރައީސް ވަނީ އެމަނިކުފާނަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ކުރިއަށް އޮތް ތަނުގައި، އެ ޤައުމަށް އިތުރު އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
ރައީސްގެ މެސެޖުތަކުގައި، ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓާއި ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ވިއެޓްނާމްގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.
މި ލިޔުން ކިޔާލުމުން