Saturday, October 31
އާރުޓީއެލްގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެމްޓީސީސީން އެދިއްޖެ

އާރުޓީއެލްގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ ރައްޔިތުން ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު އިންޒާރުދީފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓު" ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން އާރުޓީއެލް ބަސްތަކުގައި ހިލޭ ދަތުރުކުރެވޭ ސްކީމެއްގެ ނަމުގައި ސްމާޓް ކާޑެއް ޕްރޮމޯޓުކުރަމުންދާ ކަމަށެވެ. މި ޕޭޖުން ޕްރޮމޯޓުކުރާ ސްކީމުގައި 35.58 ރުފިޔާގެ ފީއެއް ދެއްކުމުން އާރުޓީއެލް ބަސްތަކުގައި ހަ މަސްދުވަހުގެ މުއްދަތަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް ބުނެފައިވާކަން އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.

އެމްޓީސީސީން އިތުރަށް ބުނެފައިވަނީ މި ފޭސްބުކް ޕޭޖަކީ އެމްޓީސީސީއާ އެއްވެސް ގުޅުމެއް އޮތް ޕޭޖެއް ނޫން ކަމަށާއި، އެ ޕޭޖުން ޕްރޮމޯޓުކުރާ ކަންކަމާއި ހިންގާ ހަރަކާތްތަކަކީވެސް އެ ކުންފުންޏާ އެއްވެސް ގުޅުމެއް އޮތް ކަންތައްތަކެއް ނޫން ކަމަށެވެ. އަދި ކަސްޓަމަރުންނާ ގުޅުންހުރި އެއްވެސް ޕްރޮމޯޝަނެއް ފަށާނަމަ ނުވަތަ ކުރިއަށް ގެންދާނަމަ އެ މަޢުލޫމާތު ހިއްސާކުރާނީ އެމްޓީސީސީގެ ރަސްމީ އެކައުންޓުތަކުގައި ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މީގެ ކުރިންވެސް އާރުޓީއެލްގެ ނަމުގައި މިފަދަ ސްކޭމް މެސެޖުތަކެއް ދައުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އާރުޓީއެލްގެ ނަމުގައި ހިންގާ މިފަދަ ސްކޭމްތަކަށް ނުހެއްލުމަށް އެމްޓީސީސީން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު