Saturday, October 31
ބަޔަކު ޔުމްނު ވައްޓާލި ކަމަކަށް ނުބެލެވޭ، ވެއްޓުނީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ: ކޮމިޝަން ރިޕޯޓް

ޔުމްނު ވެއްޓުމުގައި މީހަކު ނުވަތަ ބަޔަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށާއި ޔުމްނު ވެއްޓިފައިވަނީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށް ރިޔާސީ ކޮމިޝަން ރިޕޯޓުގައި ހާމަކޮށްފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރި ތަޙުޤީޤާ މެދު އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. އަދި ފުލުހުންގެ ބަހަށް އިތުބާރު ނުކޮށް ޒުވާނުންތަކެއް މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރިއެވެ. ގިނަ ބައެއްގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޑރ މުއިއްޒު ވަނީ މިކަމާ ގުޅޭ ޚާއްޞަ ތަޙުޤީޤެއް ހިންގުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް، މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހެންވޭރު ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަޙުޤީޤުކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓް މިއަދު ވަނީ އާންމުކޮށްފައެވެ.

ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޔުމްނު ވެއްޓުމުގައި މީހަކު ނުވަތަ ބަޔަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި ހާދިސާ ހިނގި ވަގުތު އެ ތަނުގައި ރައުދު އަހްމަދުގެ އިތުރުން އެހެން މީހަކު ހުރިކަން އެނގެން ނެތް ކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޔުމްނުގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކަށް ބަލާއިރު، ހ. މިޓާޒް ފުރާޅުމަތީގައި ޖެހުމުގެ ސަބަބުން ލިބުނު އަނިޔާތައް ފިޔަވައި އިތުރު އަނިޔާއެއް ލިބިފައިނުވާކަން މެޑިކަލް ރިކޯޑްތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތެވެ.

ކޮމިޝަނުން ބުރަވާ ގޮތުގައި ޔުމްނު ވެއްޓިފައިވަނީ ސިޑިގޮޅީގެ ކުޑަދޮރުން ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވެއެވެ. ނަމަވެސް، ސިޑިގޮޅިން ޔުމްނު ފުންމާލީ އޭނާގެ އަމިއްލަ އިހްތިޔާރު ކަމަށް ކަނޑައެޅެން ނެތް ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ޔުމްނު އެއްވެސް ކަމަކާ ދެރަވެގެން އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން އުޅޭ ކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތެވެ. އެހެންކަމުން ޔުމްނު އަމިއްލަ އިހްތިޔާރުގައި ފުންމާލީ ކަމަށް ބެލެވެން ނެތް ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

ކޮމިޝަނުން ހިންގި ތަޙުޤީޤަށް ފަހު އެ ކޮމިޝަނަށް ބުރަވެވެނީ ޔުމްނު ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ ކަމަށެވެ. އެއީ، ޔުމްނު ވައްޓާލީ ކަމަށް އަދި ފުންމާލީ ކަމަށް ބެލެވެން ނެތުމުންނެވެ. އަދި އެގޮތަށް ނިންމީ އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވުމުން ކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައުދު އަހުމަދު ގަސްތުގައި ހައްވާ ޔުމްނު ވައްޓާލީ ކަމަށްވެސް ނުބެލެވެއެވެ. ނަމަވެސް ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އހުމާލު އޮތް ކަމަށް ކޮމިޝަނުން ކަނޑައަޅާފައިވެއެވެ. މިކަމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ ރައުދުގެ މައްޗަށް އުފުލާފައެވެ.

މި މައްސަލައިގައި ރައުދު މިހާރު ހުރީ ބަންދުން ދޫކޮށްލާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ހާދިސާ ހިނގިރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުން އޭނާ ހުރީ މަސްތުގެ ހާލަތުގައެވެ. އަދި ރައުދާއި ޔުމްނު ވެސް ތިބީ މަސްތުގެ ހާލަތުގައި ކަން ތަޙުލީލު ރިޕޯޓުތަކުން ދައްކާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރައުދު އާއި ޔުމްނު މަސްތުގެ ހާލަތަށް ދިޔައީ އެ ދެ މީހުންގެ އަމިއްލަ އިޚްތިޔާރުގައި ކަމަށްވާތީ، އޭގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ އެ ދެ މީހުން އުފުލަންޖެހޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު