Saturday, October 31
ޑިމޮކްރެޓްސް އުވާލައި ކުރީގެރައީސް ނަޝީދާއި މެންބަރުން އަލުން އެމްޑީޕީއާ ގުޅެނީ

އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމަށްވާ ދަ ޑިމޮކްރެޓްސް އުވާލައި، ކުރީގެ ރައީސް އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެ ޕާޓީގެ އެހެން މެންބަރުން އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް އަލުން ގުޅުމަށް ގަރާރެއް ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށާއި، ރާއްޖޭގެ ކުރިމަގު ރަނގަޅުކުރުމަށާއި، ޖަވާބުދާރީވަނިވި ދައުލަތެއް ދެމެހެއްޓުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށް ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން މި ގަރާރު ހުށަހަޅުއްވާފައިވަނީ ޑިމޮކްރެޓްސްގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުޙައްމަދެވެ. އެމްޑީޕީއާ އަލުން ގުޅުމަށް ނިންމެވި ފަރާތްތަކުގެ ތެރޭގައި ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ.

ޑިމޮކްރެޓްސްއިން މި ގަރާރު ފާސްކޮށްފައިވަނީ އެ ޕާޓީގެ ގިނަ މެންބަރުންގެ ތާއީދާ އެކުގައެވެ. ނަމަވެސް މި ނިންމުމާ ގުޅިގެން ޕާޓީގެ ބައެއް މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާކަން ފާހަގަކުރެވެއެވެ.

އެންމެ ފަހުން އެމްޑީޕީގެ ވެރިކަމުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން ރައީސް ނަޝީދާއި އީވާ ހިމެނޭ ގޮތަށް ގިނަ މެންބަރުންތަކެއް އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދާފައިވީ ނަމަވެސް، މި އަހަރު ތެރޭގައި ޑިމޮކްރެޓްސްގެ ބައެއް މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށްފަހު، މިއަދު މިވަނީ ޑިމޮކްރެޓްސް އުވާލުމަށް ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު