އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވުމާއެކު މެޓް އޮފީހުން އެ ސަރަހައްދަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 15:30 އިން 20:00 އަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެއެވެ. އަދި މި ވަގުތުތަކުގައި މި ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މިއަދު 10:00 އިން މާދަމާ 10:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ. މީގެ އިތުރުން، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ކަނޑުތައް ގަދަވެފައި ރާޅުގެ އުސްމިނުގައި 4-5 ފޫޓު ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގައިފައެވެ. އަދި ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.





