ޅ. ހިންނަވަރުގައި ސޯލާ ޕްރޮޖެކްޓްގެ މަސައްކަތްކުރަމުންދާ ކުންފުނީގެ ސައިޓުން ވަގަށް ނަގާފައިވާ ތަކެތި މައްސަލަ ހުށަހެޅިތާ ހަތަރު ގަޑިއިރުގެ ތެރޭގައި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ ހިންނަވަރުގައި ސޯލާ ޕްރޮޖެކްޓްގެ މަސައްކަތްކުރާ ކުންފުނީގެ ސައިޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖޫން 13 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ކުރަމުންދިޔަ މަސައްކަތުން ވަގަށްފައިވާ ތަކެތި ހޯދާފައިވަނީ ރަށުގެ އެކި ތަންތަނުގައި ފޮރުވާފައިވަނިކޮށް ކަމަށާއި، ބައެއް ތަކެތި ފެނިފައިވަނީ ހިންނަވަރު ދޯނި އެހެލާ ސަރަހައްދުގައި އެހެލާފައިވާ ދޯންޏެއްގެ ތެރޭގައި ފޮރުވާފައިވަނިކޮށް ކަމަށެވެ. ދެންހުރި ތަކެތި ފެނިފައިވަނީ އެރަށުގެ ފަޅު ގޯއްޗަކުން ކަމަށްވެސް ފުލުހުން ބުންޏެވެ.
އެސައިޓުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ލެކްޓްރިކް އިމްޕެކްޓް ޑްރިލް ފިޔަވައި ދެން ހުރި ހުރިހާތަކެތި ހޯދައި ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ހޯދާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 1000 މީޓަރު ޑީސީ ކޭބަލް، ކަޓްއޯފްއަކާއި ވެލްޑިންގ ޕްލާންޓަކާއި ޕެޓްރޯލް ހަންތަކަކާއި އޭންގަލް ގްރޭންޑަރެއްގެ އިތުރުން ބެޓްރީ ރެންޗުތަކެކެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާއިރު، ހިންނަވަރު ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމުގައި ފުލުހުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން