ނިމިދިޔަ މޭ މަހު ވޭޕާ ގުޅޭ އެކި މައްސަލަތަކުގައި 35 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ. މި މައްސަލަތަކުގައި ޖޫރިމަނާކުރެވުނު ޖުމްލަ އަދަދަކީ 130,000 ރުފިޔާއެވެ.
ފުލުހުންގެ ޚިދުމަތުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މޭ މަހުގެ 1 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ވޭޕް ބޭނުންކުރުމުގެ މައްސަލައިގައި 13 މީހަކު 53,000 ރުފިޔާއިން ޖޫރިމަނާކޮށްކޮށްފައިވެއެވެ. މީގެ އިތުރުން، ވޭޕް ގެންގުޅުމުގެ މައްސަލައިގައި 20 މީހަކު 67,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ވޭޕާ ގުޅޭ އެހެނިހެން މައްސަލަތަކުގައި 2 މީހަކު 10,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.
ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުމުން 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ަތަ ވޭޕަކަށް 10,000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
ޤާނޫނުގައިވާ ގޮތުން، ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ، އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުން ކުރާ ޖޫރިމަނާގެ އިތުރަށް 50,000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
ފުލުހުންގެ ޚިދުމަތުން ވަނީ ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް މޯބައިލް ފޯނުގެ ޒަރީޢާއިން ކުރު މެސެޖެއް ފޮނުވާނެ ކަމަށާއި، އެ މެސެޖުގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާނެ ކަމަށް ބަޔާންކޮށްފައެވެ.
މި ލިޔުން ކިޔާލުމުން