ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒް، ރިޓަޔަރޑް އޮނަރަބަލް ޑޭވިޑް ލެމީ އަށް އެ ޤައުމުގެ ރަސްގެފާނު، ކިންގް ޗާލްސް 3 ވަނައިގެ ރަސްމީ އުފަންދުވަސް ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖުގައި ވަނީ ރަސްގެފާނުގެ ރަސްމީ އުފަންދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިނގިރޭސިވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވައިފައެވެ.
މީގެ އިތުރުން، ރާއްޖެއާއި އިނގިރޭސިވިލާތާ ޚާރިޖީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރިގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިނގިރޭސިވިލާތާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވައިފައެވެ.
ރަސްގެފާނު ޗާލްސް 3 ވަނައިގެ އަސްލު އުފަން ތާރީޚަކީ 14 ނޮވެންބަރު 1948 އެވެ. ނަމަވެސް، ރަސްގެފާނުގެ އުފަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކަށް ބުރޫ ނާރާނޭ ގޮތަށް، އެއިރެއްގައި ރަސްކަން ކުރައްވާ ބޭފުޅެއްގެ އުފަންދުވަސް ހޫނު މޫސުމުގައި ފާހަގަކުރުމަކީ އިނގިރޭސިވިލާތުގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. މިގޮތުން ޗާލްސްގެ ފުރަތަމަ ރަސްމީ އުފަންދުވަސް ފާހަގަކުރީ 17 ޖޫން 2023 ގައެވެ. މިދިޔަ އަހަރު މި ދުވަސް ފާހަގަކޮށްފައިވަނީ 15 ޖޫން 2024 ގައެވެ.
މި ލިޔުން ކިޔާލުމުން