Saturday, October 31
ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލުމުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލުމުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އިހާބް އިބްރާހީމް މުޙައްމަދު ޚަލީލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ބޭއްވުނު ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި "ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން އަޑުއުފުލަމުންދާ މިންވަރާއި، ދެމުންދާ އެއްބާރުލުން ވަރަށް ބޮޑަށް އަގުވަޒަންކުރާ" ކަމުގައި ފަލަސްޠީނުގެ ސަފީރު ފާހަގަކުރެއްވިއެވެ.

ފަލަސްޠީނުގެ ސަފީރު އިތުރަށް ވިދާޅުވި ގޮތުގައި ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން މެދުނުކެނޑި އަޑުއުފުލަމުން ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމަށް ދިވެހިރާއްޖެއިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

ރަސްމީ މި ބައްދަލުވުމުގެ ކުރިން، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1982 ވަނަ އަހަރުގެ އެޕްރީލް 4 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު