Saturday, October 31
ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުން ސަލާމަތްވި ހަމައެކަނި މީހާ، ވިޝްވާސް އޭނާގެ ވާހަކަ ހިއްސާކޮށްފި

އިންޑިއާގެ ގުޖަރާތު ސްޓޭޓުގެ އަހްމަދާބާދަށް މިއަދު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާ ބޯޓުން ދަތުރުކުރި އެއް ފަސިންޖަރަކު ދިރިހުރިކަން އެނގިއްޖެއެވެ. މި ހާދިސާއާ ގުޅޭ ގޮތުން އަހްމަދާބާދުގެ ޕޮލިސް ކޮމިޝަނަރު ޖީ.އެސް. މަލިކް ވިދާޅުވެފައިވަނީ ބޯޓުގެ 11އޭ ގޮނޑީގައި އިން މީހަކު ދިރިހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ލަންޑަނަށް ދަތުރުކުރަމުންދިޔަ މި މަތިންދާ ބޯޓުގައި 242 ފަސިންޖަރުން ތިބިކަމަށް ވެއެވެ. ދިރިހުރިކަން އެނގިފައިވާ މީހާއަކީ 40 އަހަރުގެ ވިޝްވާޝް ކުމާރު ރަމޭޝް ކަމަށް ދެނެގަނެވިފައިވެއެވެ. އޭނާއަށް މިހާރު ފަރުވާދެމުން ގެންދަނީ އަހްމަދާބާދުގެ އަސަރްވާގައި ހުންނަ ސިވިލް ހޮސްޕިޓަލުގައެވެ.

ހާދިސާއާ ގުޅޭ ގޮތުން މަޢުލޫމާތު ދެމުން ވިޝްވާޝް ބުނީ، "ބޯޓު ފުރިތާ ސިކުންތުކޮޅެއްގެ ތެރޭގައި ވަރަށް ބޮޑު އަޑެއް އިވުނު. އަޅުގަނޑު ދުވެފައި ދިޔައީ ދުމާއި އަލިފާނުގެ ތެރެއިން" ކަމަށެވެ. ވަށައިގެން ފެންނަން ތިބީ އެކިވަރުގެ އަނިޔާވެފައި ތިބި މީހުންނާއި ލޭ އޮހެމުންދާ ތަން ކަމަށްވެސް އޭނާ ބުންޏެވެ.

ބައެއް މަސްދަރުތަކުން ބުނާގޮތުގައި ދިރިހުރި މީހާއަކީ ސަލާމަތްވުމަށް ބޯޓުން ފުންމާލި މީހެކެވެ. ނަމަވެސް މި މަޢުލޫމާތު ޕޮލިސް ކޮމިޝަނަރު ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ.

"އެކަކު ދިރިހުރިކަމަށް ހޮސްޕިޓަލުން ބުނި، އޭނާ އަށް އަންނަނީ ފަރުވާދެމުން، މަރުވެފައިވާ މީހުންގެ އަދަދާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ދެންނެވޭކަށް ނެތް،" ކޮމިޝަނަރު މަލިކް ވިދާޅުވިއެވެ.

މަތިންދާބޯޓު ވެއްޓިފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށްވާތީ މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ކޮމިޝަނަރު ވިދާޅުވެފައިވެއެވެ. މި ހާދިސާގައި މަރުވެފައިވާ މީހުންގެ އަދަދާ ގުޅޭގޮތުން މިވަގުތު ސާފު މަޢުލޫމާތެއް ލިބިފައިނުވާ ކަމަށް އޮފިޝަލުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު