މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާ ހަމަކުރަމުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގަތުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ކުރެއްވި ޕޯސްޓުގައި ވަނީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވާފައެވެ.
އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާހަމަކުރަމުންކަންވެސް ވަނީ ޕޯސްޓުގައި ފާހަގަކުރައްވާފައެވެ.
ކަސްޓަމްސް އިން 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ އެސަރވިސްއަށް ލިބުނު އިންޓަލިޖެންސް މަޢުލުމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 26 މިލިޔަން ރުފިޔާއަށް އަރައެވެ.
ކަސްޓަމްސް އިން ވިދާޅުވީ 33 ޕެކެޓެގައިހުރި މިތަކެތި ފުރަތަމަ މަރުހަލާގެ ތަހުގީގުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިނޮއިޑް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިތަކެތި ރާއްޖެ ގެނެސްފައިވަނީ ބެންގަލޫރު މަގުން ރާއްޖެއައި ފްލައިޓެއްގައެވެ.
މި ލިޔުން ކިޔާލުމުން