ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ނ. ހެނބަދޫ، ނޫރާނީމާގެ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަދި ފ. ބިލެތްދޫ، މޯނިންގްވިލާ އަލްއުސްތާޛު މުޙައްމަދު ސަލީމް މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ބޭފުޅުންނާއި ހަވާލުކުރައްވާފައެވެ.
ފަނޑިޔާރު ޙަމީދާއި ސަލީމް ސުޕްރީމް ކޯޓަށް ޢައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި 12 ބޭފުޅުންނާއި އިންޓަވިއު ކުރުމަށް ފަހު ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައިސުލްޖުމްހޫރިއްޔާ އަށް ލަފާއަރުވާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އެ މަގާމަށް އައްޔަނުކުރެއްވުމަށެވެ.
މިއަދު އޮތް މަޖިލިސް ޖަލްސާގައި ފަނޑިޔާރު ކަމަށް އަބްދުﷲ ހަމީދު އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް 60 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. އަދި ސަލީމް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް 61 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.
ސުޕްރީމް ކޯޓުގެ ބެންޗު އެކުލެވިގެންވަނީ، އުއްތަމަ ފަނޑިޔާރާއި، އިތުރު ހަ ފަނޑިޔާރުންގެ މައްޗަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޯޓުގެ ފަނޑިޔާރުކަމުން އަލްއުސްތާޛު މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ.
މި ލިޔުން ކިޔާލުމުން